ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރު ކުރުމުގެ ގާބިލުކަމާ، ނިއުކްލިއާ ބާރުވެރިކަން ލިބިފައިވާ މިސައިލެއް، އަވަށްޓެރި އިންޑިއާއިން ޓެސްޓު ކޮށްފިއެވެ.

ނިއުކްލިއާ ބާރުވެރިކަން ލިބިފައިވާ މި ވަރުގަދަ މިސައިލް، އިންޑިއާއިން ޓެސްޓު ކޮށްފައި މި ވަނީ، އިންޑިއާގެ ޒަމާންވީ ހަތުރުވެރި އަވަށްޓެރިޔާ ކަމަށް ވާ ޗައިނާއާ ދެ ގައުމުގެ ގުޅުން އަނެއްކާވެސް ނުތަނަވަސް ވެފައި ވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ ސަރުކާރުން ބުދަ ދުވަހުގެ ރޭ އާންމު ކޮށްފައި ވާ ބަޔާނެއްގައި ބުނެފައި ވަނީ، "އަގްނީ-5" ގެ ނަން ދީފައި ވާ މިސައިލް ވެއްޓުނީ ބޭ އޮފް ބެންގޯލް ކަނޑަށް ކަމަށާ، މިސައިލް ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ދިޔައީ ރާވާފައި ވާ އަމާޒާ އެއް ގޮތަކަށް ކަމަށެވެ.

ޗައިނާވެސް އަސްކަރީ ބާރުވެރިކަން އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން ދާ މި ދަނޑިވަޅުގައި، އިންޑިއާއިން ކާމިޔާބު ކަމާއެކު ޓެސްޓު ކުރި "އަގްނީ-5" މިސައިލްއަކީ، މުޅި ޗައިނާއަށްވެސް ހަމަލާ ދެވޭ ވަރުގެ ބާރުގަދަ މިސައިލެއް ކަމަށް މައުލޫމާތު ލިބެއެވެ.

1947 ވަނަ އަހަރު މިނިވަން ކަމަށް ކުރި ހަނގުރާމައަށް ފަހު އިންޑިއާގެ ހަތުރެއްގެ ގޮތުގައި އޮތް ޕާކިސްތާނުގެ ކޮންމެ ހިސާބަކަށް ހަމަލާ ދިނުމުގެ ގާބިލުކަން އިންޑިއާއިން މިހާރު ވަނީ ކަށަވަރު ކޮށްފައެވެ.

1990ގެ އަހަރުތަކުގައި އިންޑިއާއާއި ޗައިނާއިން ބާރުވެރިކަމަށް ފައިވިއްދައިގެން އޮވެ ޖަހަމުންދާ ރޭހުގެ ތެރެއިން، އިންޑިއާއިން ދަނީ، މެދު އަދި ދުރު ރާސްތާ މިސައިލް ނިޒާމްތައް ތަރައްގީ ކުރަމުންނެވެ. އިސްތިރާޖީ ވާދަވެރިކަން އިންތިހާއަށް މުހިންމު ވެފައި ވާއިރު، އިންޑިއާއިން ދަނީ ދިފާއީ ގާބިލިއްޔަތު ކަން މެކުހަށް ޖަހަމުންނެވެ.

********************************