މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތަކެއް ހިންގުމުގެ ތާރީހެއް އޮތް އިންޑިއާގައި އަނެއްކާވެސް މުސްލިމުންނާ ދެކޮޅު އޮއެވަރު ގަދަވެއްޖެއެވެ.

މި ފަހަރު، މުސްލިމުންނާ ދެކޮޅަށް ހަމަލާތަކެއް ދެމުން ދަނީ، އިރުއުތުރުގެ ސްޓޭޓެއް ކަމަށް ވާ ޓްރިޕޫރާގައެވެ. އެ ސްޓޭޓްގައި ދިރިއުޅެމުންދާ މުސްލިމުންނަށް އަމާޒު ކޮށްގެން ދެމުންދާ ހަމަލާތަކަށް ބަލާއިރު، މިސްކިތްތަކުގެ އިތުރުން، މުސްލިމުންގެ މުދަލާއި ތަކެއްޗަށްވެސް ގެއްލުން ދީފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ހަބަރު ލިބޭ ގޮތުގައި މި ހަމަލާތަކާ ގުޅިގެން މަސްރަހު ނުތަނަވަސް ވެފައިވާ ޓްރިޕޫރާގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އަދި އާންމުންނަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތުވެސް ހަނި ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޓްރިޕޫރާގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ފެށީ، ހިންދޫ ޖަމާއަތްތަކާ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކަކަށް ފަހުގައެވެ. ހަމަނުޖެހުން ހިންގާފައި ވަނީ، ބަންގްލަދޭޝްގެ ހިންދޫންނާ ދެކޮޅަށް ދާދި ފަހުން ދިން ހަމަލާތަކާ ދެކޮޅަށް ރެލީއެއް ކުރިއަށް ގެންދިއުމަށް ފުލުހުން ހުރަސް އެޅުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ޓްރިޕޫރާއަކީ 3 ފަރާތުން ބަންގްލަދޭޝްއާ، އަދި ހަނި މަގަކުން އައްސާމް ސްޓޭޓްއާ ގުޅިފައިވާ ސްޓޭޓެކެކެވެ. 25 އަހަރުވީ ކޮމިއުނިސްޓް ވެރިކަމަކަށް ފަހު، 2018 އިން ފަށައިގެން ޓްރިޕޫރާގައި ވެރިކަން ކުރަމުން އަންނަނީ މުޅި އިންޑިއާގެވެސް ވެރިކަން ކުރަމުން އަންނަ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިންނެވެ.

ފާއިތުވީ 4 ވަރަކަށް ދުވަހަށް ބަލާއިރު، ދީނީ ހަމަނުޖެހުންތަކުގެ 10 ހާދިސާއަށް ވުރެ ގިނަ ހާދިސާ ރިޕޯޓް ކޮށްފައިވެއެވެ.

ޕާކިސްތާނަށް ތާއީދު ކުރި ޒުވާނުން ހައްޔަރަށް

މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ސިލްސިލާ ކޮށް ހިންގާ ލާއިންސާނީ ޖަރީމާގެ ވާހަކަތައް އަނެއްކާވެސް ފެންމަތި ވެފައި ވާއިރު، އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ޓީ20 ވޯލްޑް ކަޕް ކުރިކެޓް މުބާރާތުގައި ޕާކިސްތާނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރި، މުސްލިމު 3 ޒުވާނެއް، އުއްތަރަ ޕްރަދޭޝް ސްޓޭޓުން ހައްޔަރު ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާ ފުލުހުން ބުނީ، އެ ޒުވާނުންނަކީ މެޗު ކުރިއަށް ދިޔަ ވަގުތު، އިންޑިއާއާއި ދެކޮޅު، އަދި ޕާކިސްތާނާ އެއްކޮޅު ޝިއާރު ފާޅު ކުރަމުން ދިޔަ ޒުވާނުންތަކެއް ކަމަށާ، އެ މީހުން ހައްޔަރުކޮށް، ދައުވާ އުފުލާފައި ވަނީ، ނަފްރަތު އުފައްދުމުގެ ކުށުގެ އިތުރުން، ސައިބާ ޓެރަރިޒަމްގެ ކުށުގައި ކަމަށެވެ.

10 ވިކެޓުން އިންޑިއާ ބަލި ކުރި މެޗުގައި ޕާކިސްތާނަށް ތާއީދު ކުރަމުން ދިޔަ ޒުވާނުން ހައްޔަރު ކޮށްފައި ވަނީ އާގްރާއިން ކަމަށް ހަބަރު ލިބެއެވެ.

ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި، މެޗުން އިންޑިއާ ބަލިވުމާއެކު، އެކަމުގެ އިލްޒާމް އަޅުވާނެ ފަރާތެއް ހޯދުމަށް އިންޑިއާއިން ވަނީ މަސައްކަތް ކޮށްފައެވެ. މެޗު ނިމުނުތާ މާ ގިނަ އިރުތަކެއް ނުވެ، އިންޑިއާގެ ޓީމުގައި ހިމެނޭ، އެ ގައުމަށް ނިސްބަތްވާ މުސްލިމު ހަމަ އެކަނި ކުޅުންތެރިޔާ މުޙައްމަދު ޝާމީއަށް އަމާޒުކޮށް، ބޮޑެތި ފާޑުކިއުންތަކެއް ސޯޝަލް މީޑިއާގައި އަމާޒު ކުރަން ފެށިއެވެ. ޕާކިސްތާނަށް ޓީމަށް އޭނާ ގަސްތުގައި މޮޅު ހޯދާދިނީ ކަމަށް ބައެއް މީހުން ތުހުމަތު ކުރާ އިރު، އަނެއް ބަޔަކު ވަނީ ޝާމީއަކީ ގައްދާރެއް ކަމަށް ސިފަ ކޮށްފައެވެ.

ޕާކިސްތާނަށް ތާއީދު ކޮށްގެން އިންޑިއާއިން ހައްޔަރު ކޮށްފައި ވަނީ، ކަޝްމީރަށް ނިސްބަތްވާ ޒުވާން، ކިޔަވާ ކުދިންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.