މިއަދު ބ. މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިން ތައާރަފް ކޮށް 75 ރަށަކުން ފައިސާ ޖަމާކުރުމުުގެ ހިދުމަތް ލިބޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
އޭޖަންޓް ބޭންކިންގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމްއެއް ނެތް ރަށްރަށުގައި އޭޖެންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފް ކުރި ހިދުމަތެކެވެ. 2015 ވަނަ އަހަރު މި ހިދުމަތް ފެށިފައި ވަނީ ހަމަ އެކަނި ފައިސާ ނެގުމަށް ކަމުގައި ވީ ނަމަވެސް އޭޖެންޓުން މެދުވެކޮށް އަތޮޅުތެރޭގައި އެއްވެސް ފީއަކާ ނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާ ކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެއެވެ.
ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގޭނެއެވެ. އަދި ކަސްޓަމަރަކަށް ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާ ކުރެވޭނެއެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ، ވިދާޅުވީ، ބީއެމްއެލް އިން މަސައްކަތް ކުރަނީ ކުރިޔަށް އޮތް މަސްތަކުގައި މި ހިދުމަތް މީހުން ދިރިއުޅޭ 100 ރަށަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިއަދު 75 ރަށަކަށް މި ހިދުމަތް ތައާރަފް ކުރެވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފަހާގަ ކުރެއްވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކޮށްފައިވާ ފިޔަވަޅުތަކާއެކު ވެސް ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިން ހިދުމަތް ފޯރުކޮށް ދިނުމަށް ބޭންކުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފްސާވިސް ބޭންކިން ސެންޓަރު، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ.