ގދ. މަޑަވެލި – ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ ކަމަށެވެ.

އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދު ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި 262 މީޓަރުގެ މަގެއް ހެދުމާއި މަގުމާކު ކުރުމާއި ޕޭވްމަންޓް ހެދުން އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ އެ ކޯޒްވޭގެ ދިގުމިނަކީ 383 މީޓަރު ހުންނަ ކޯޒްވޭ އެއް ކަމަށާ އެމަޝްރޫއު އަކީ 17.84 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށެވެ.

އެމަޝްރޫއުއަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.