އާންމު ގޮތެއްގައި ކައިބޮއެ އުޅޭއިރު ބަތްތަށީގައި އޮންނަ ހިކަނދިފަތްކޮޅުތަކާއި މިރުސްކޮޅުުތަކުގެ އިތުރުން ބައެއް ފަހަރު ހުންނަ ފިޔާކޮޅު ވެސް އެއްކައިރީގައި ބެހެއްޓެއެވެ. ގިނަ ފަހަރަށް މިތަކެތި މިއީ ކައި ނިމޭއިރު ވެސް ތަށީގައި ގިނަ ވެފަައި ހުންނަ ތަކެއްޗެވެ. މިއިން ކޮންމެ އެއްޗަކީ ވެސް ތަފާތު އެތަކެއް ފައިދާތަކެއް ލިއްބައިދޭ އެއްޗެއް ނަމަވެސް މި ލިޔުމުގައި މި އަލިއަޅުވާލަނީ ހިކަނދިފަތުން ސިއްހަތަށް ލިބޭ ބައެއް ފައިދާތަކަށެވެ.

ކެންސަރާ ހަނގުރާމަ ކުރުމަށް އެހީވެދޭ

ހިކަނދިފަތުގައި އެކުލެވޭ ”ފީނޯލް“ ފަދަ ބައެއް ކެމިކަލް ކޮންޕައުންޑްތަކަކީ އޭގެ ސަބަބުން ޕްރޮސްޓްރޭޓް ކެންސަރާ ގޮހޮރުގެ ކެންސަރު އަދި ލުކީމިއާ ފަދަ ކެންސަރުތަކާ ހަނގުރާމަކުރަން އެހީވެދޭ ކެމިކަލްތަކެކެވެ. މީގެ އިތުރުން އޭގައި ހުންނަ ކާބަޒޯލް އަކީ ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވާ މާއްދާއެއް ކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ.

އޮކްސިޑައިޒިން އޭޖެންޓުތަކުން ދިފާއުވުމަށް އެހީވެދޭ

ހިކަނދިފަތަކީ ސިއްހަތައް އޭގެ ސަބަބުން އެތައް ފައިދާތަކެއް ކުރާ އެއްޗެކެވެ. އެގޮތުން އޭގައި އެކުލެވިގެންވާ ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ސީ، އަދި ވިޓަމިން އީގެ ސަބަބުން ހަށިގަނޑަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ލިއްބައިދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ އޮކްސިޑައިޒިންގް އޭޖެންޓްސްއިން ދިފާއުވުމަށް އެހީތެރިވެއެވެ.

ދުޅަހެޔޮ އިސްތަށިގަނޑެއް ދެމެހެއްޓުމަށް އެހީވޭ

ހިކަނދިފަތަކީ ބޮލުގަ ނުރަ ޖެހުންވެސް ދުރުކޮށްދީ އިސްތަށިގަނޑު ދިގުވުމަށް އެހީވެދޭ ފައިދާހުރި އެއްޗެކެވެ. އަދި އެއީ އޭގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަވުމަށް ވެސް މަގުފަހިވާ އެއްޗެކެވެ. އެގޮތުން ހިއްކާފައިވާ ހިކަނދިފަތުން ޕޭސްޓެއް ތައްޔާރު ކުރުމަށްފަހު ތެލާ އެއްކޮށްގެން ވެސް ބޮލުގައި އުނގުޅިދާނެއެވެ.

ހަންގަނޑަށް ވެސް ރަނގަޅު އެއްޗެއް

މިފަތަކީ ހަންގަނޑު ރައްކާތެރި ކުރުމަށް ވެސް ބޭނުންކުރެވިދާނެ ފަތެކެވެ. އެގޮތުން ހިކަނދި ފަތް މުގުރާ އޭގެން ޕޭސްޓެއް ތައްޔާރު ކުރުމަށްފަހު ކަނޑައިގެން ގޮސްފައިވާ ތަންތަނާ، ނޫފައިގެންފައިވާ ތަންތަނާ، ބައެއް ކަހަލަ ދިރޭ އެއްޗެހި ހަފާ ތަންތަނުގައި އުނގުޅުމުން އެތަންތަން ފަސޭހަވުމަށް އެހީވެއެވެ. މީގެ އިތުރުން މިއީ ހަންގަނޑު ކުރަކި ވުމުންވެސް ރައްކާތެރި ކޮށްދޭ އެއްޗެކެވެ.

ހަކުރާ ކޮލެސްޓްރޯލް ވެސް ދަށްކޮށްދޭ

ހިކަނދިފަތަކީ ނުރައްކާތެރި އެލްޑީއެލް ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދޭ ބާވަތެކެވެ. އަދި ގިނައިން ހިކަނދިފަތް ބޭނުންކުރުމަކީ ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް އެހީވެދޭ ކަމެކެވެ.

މީގެ އިތުރުން ވެސް ހިކަނދިފަތަކީ ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭ ކެއުމުގައި ބޭނުން ކުރަން މުހިއްމު އެއްޗެކެވެ.