އޮރެންޖަކީ ދިވެހިންގެ މެދުގައި މަގުބޫލު މޭވާއެކެވެ. އޮރެންޖަކީ ހުހަށް ކާލުމުގެ އިތުރަށް ކޭކާ، ތަފާތު އެކިއެކި މީރު ބުއިންތަކުގެ އިތުރުން ބައެއް ކަހަލަ ސެލެޑްތައް ތައްޔާރު ކޮށްލުމަށް ވެސް ދިވެހިން ބޭނުންކުރާ ގިނަ ދިވެހިންނަށް ކާލަން މީރު މޭވާއެކެވެ. މީގެ އިތުރުން މޫނުގެ ހަންގަނޑު ރީތި ކުރުމަށް ވެސް އޮރެންޖު ބޭނުން ކުރެއެވެ. އޮރެންޖުން ތަފާތު އެތައް ބޭނުމެއް ކުރެވޭއިރު އޮރެންޖު ކެއުމަށްފަހު ގިނަ ބަޔަކު އެއްލައިލާ ތޮށިގަނޑަކީ ވެސް އޭގެން އެތައް ބޭނުމެއް ކުރެވޭ އެއްޗެކެވެ.

އޮރެންޖު ތޮށިން ލިބޭ ފައިދާތަކުގެ ވާހަކަ ދައްކާއިރު ކެއުމުގައި މި ތޮށި ބޭނުން ކުރާނީ ކިހިނެއްތޯ މިއީ ހިތުގައި އުފެދިދާނެ ސުވާލެކެވެ. އެގޮތުން މި ބޭނުން ކުރެވޭ ބައެއް ގޮތްގޮތަށް ބަލާއިރު ފޮނި ކާތެކިތީގެ މައްޗަށް އޮރެންޖުގެ ތޮށި ގާނައިގެން ވެސް ބޭނުން ކުރެވިދާނެއެވެ. އަދި ތަފާތު ބުއިންތައް ތައްޔާރު ކުރުމުގައި އޮރެންޖުގެ ތޮށި ހިމަނާލެވިދާނެއެވެ. މީގެ އިތުރުން ފުނޑާލުމަށްފަހު ޕޭސްޓެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެއެވެ.

އޮރެންޖު ތޮށި ކެއުމުގައި ކޮންމެވެސް ގޮތަކުން މަދު މިންވަރަކަށް ނަމަވެސް ހިމަނާނަމަ، ގޮހޮރަށް ޖެހޭ ކެންސަރުން ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދެއެެވެ. ސައިންވެރިންގެ ބައެއް ދިރާސާތަކުން ދައްކާގޮތުގައި މިބާވަތުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދެނީ އޭގެ ސަބަބުން ގޮހޮރުގައި ހުންނަ ވިހަތައް ބޭރުކޮށްދިނުމަށް އެހީވެދޭތީއެވެ.

ގޮހޮރުގެ އިތުރުން އޮރެންޖު ތޮއްޓަކީ އެންޓި އިންފްލެމޭޓްރީއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ފްލެވަނޯނެއް ކަމަށްވާ ’ހެސްޕަރިޑިން' އަކީ ހަށިގަނޑަށް އޭގެ ސަބަބުން ފައިދާތަކެއް ލިއްބައިދޭ މާއްދާއެކެވެ. އޭގެ ސަބަބުން އެންމެ ގިނަ ފައިތާދަކެއް ލިއްބައިދެނީ އިންސާނާގެ ހިތަށެވެ.

ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާތަކުގެ އިތުރުން އޮރެންޖު ތޮއްޓަކީ ވަސް ރަނގަޅު ކުރުމާ، ހަންގަނޑު ރީތި ކުރުމަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. މީގެ އިތުރުން ގަސްކާނާ ތައްޔާރު ކުރުމާއެކު އެއީ މަދިރި ހެފުމުން ވެސް ރައްކާތެރި ކޮށްދޭ އެއްޗެކެވެ.