އެތައް އަހަރެއް ވަންދެން ސޫދާންގައި ވެރިކަން ހިންގަމުން ގެންދެވި އުމަރު އަލް-ބަޝީރުގެ ވެރިކަމަށް މީގެ 2 އަހަރެއްހާ ދުވަސް ކުރިން ނިމުން ގެނެސް، އެ ގައުމުގެ އަސްކަރިއްޔާއާއި މަދަނީ ލީޑަރުންގެ ގުޅިފައި ވާ ވަގުތީ ސަރުކާރެއް އެކުލަވާލި ފަހުން ދެބައި މީހުންގެ މެދުގައި، އަދާ ޖެހުނު އިރުވެސް ބޮޑެތި ދެބަސްވުންތަކެއް ދަނީ ހިނގަމުންނެވެ.

ސޫދާންގެ ސޮވްރިން ކައުންސިލް ނުވަތަ އެ ގައުމުގެ މަދަނީ ސަރުކާރުގެ އަމާޒަކަށްވީ، އިންތިހާބަކަށް މަގު ތަނަވަސް ކޮށްދިނުމެވެ. ނަމަވެސް، މަސްރަހު ގޯހުން ގޯހަށް ދާން ފެށި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަލް-ބަޝީރަށް ތާއިދު ކުރާ ބަޔަކު ގެންނަން މަސައްކަތް ކުރި ބަގާވާތެއް ނާކާމިޔާބު ކޮށްލި ކަމަށް ބުނާ ހިސާބުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހަކީވެސް ސޫދާންގެ މަސްރަހު އިންތިހާއަށް ހަލަބޮލިވި ދުވަހެކެވެ. އެތައް ހާސް ބަޔަކު ވަނީ، އެ ގައުމުގެ މަގުތަކަށް ނިކުމެ، ޑިމޮކްރަޓިކް ވެރިކަމަކަށް ގައުމުގެ ހިންގުން ބަދަލު ކުރުމަށް ތާއީދު ކޮށް އަޑު އުފުލާފައެވެ. ނަމަވެސް، އަސްކަރީ ސަޕޯޓަރުން ދަނީ، މަދަނީ ވެރިންނަކީ ނާގާބިލު ބައެއް ކަމަށް ބުނަމުންނެވެ. ބިނާ ކުރަނިވި ނަތީޖާއެއް ނުނެރެވޭ ކަމަށާ، ސޫދާންގެ އިގުތިސޯދު ހަލާކު ކުރަނީވެސް މަދަނީ ވެރިން ކަމަށް އަސްކަރިއްޔާގެ ސަޕޯޓަރުން ބުނެއެވެ.

މި ކޯޅުންގަނޑު ހޫނު ވަމުން ގޮސް، މިއަދު ސޫދާންގެ މަސްރަހުން ލިބެމުން ދަނީ އިންޒާރު ދެނިވި ބިރުވެރި ހަބަރުތަކަކެވެ. ބޮޑުވަޒީރު ކަމުގައި ހުންނެވި ޢަބްދުﷲ ހަމްދޫކްއާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން، އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި، ގޮތް ނޭނގޭ މަންޒިލެއްގައި ހައްޔަރު ކޮށްފައި ވާ ކަމުގެ ހަބަރެވެ. ވެރިރަށް ހާރްތޫމްގެ މަގުތަކުގައި މިހާރު ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވާތީ ފެންނަނީ ބަރު ހަތިޔާރު އަޅައިގެން ތިބި އަސްކަރީ ސިފައިންނެވެ. މުޒާހަރާގެ ބައިވެރިންވެސް ދަނީ މަގުތަކުގައި ނުރުހުން ފާޅުކޮށް، ހުޅުޖަހާ ހަދަމުންނެވެ.

ސޫދާންގެ ވެރި ރަށުން އިންޓަނެޓްގެ ހިދުމަތްވެސް މިހާރު މެދުކަނޑާލާފައި ވާ ކަމަށް ހަބަރު ލިބޭއިރު، ދައުލަތުން ހިންގާ ޓީވީ އަދި ރޭޑީއޯ ސްޓޭޝަންގެ ހެޑްކުއާޓަރުތަކަށްވެސް އަސްކަރީ ފައުޖުތަކުން ވަދެގެންފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސޫދާންގައި މިހާރު ކުރިއަށް ދަނީ ބަގާވާތެއް ކާމިޔާބު ކުރުމުގެ މަސައްކަތެވެ. ގޮތް ނޭނގޭ މަންޒިލެއްގައި ބޮޑުވަޒީރު ހައްޔަރު ކޮށްފައި ވަނީ، ބަގާވާތާ ގުޅިވަޑައިގަތުމަށް އޭނާ އިންކާރު ކުރެއްވުން ކަމަށް ހަބަރު ލިބެއެވެ.

ސޫދާންގައި ހިންގަމުންދާ ކަންތައްތަކާ ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާއިން ރަސްމީ ސިފައެއްގައި އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ދައުލަތުގެ ޓީވީއިން ގެނެސްދެމުން ދަނީ ގައުމީ ލަވަތަކާ، ނީލަ ކޯރުގެ މަންޒަރުތަކެވެ. ކަން މިހެން އޮތް ނަމަވެސް، ސޫދާންގެ ސޮވްރިން ކައުންސިލްގެ ވެރިޔާ، ޢަބްދުފައްތާޙް އަލް-ބުރުހާން، ވަރަށް އަވަހަށް ބަޔާނެއް ދެއްވާނެ ކަމަށް ހަބަރު ލިބެއެވެ.