މި އަހަރުގެ 'މިޔަހެލި' ސޯޝަލް އިނޮވޭޝަން ކޭމްޕް 2021 ނިންމުގެ ރަސްމިޔާތުގައި މޮޅުވި 5 ހިޔާލު ހުށަހެޅި ބައިވެރިންނަށް އިނާމު ހަވާލު ކޮށްފިއެވެ.

އީޖާދީ ހިޔާލުތައް އެއްތަން ކުރުމަށް ޔޫއެންޑީޕީއާ ގުޅިގެން އުރީދޫ މޯލްޑިވްސް ހިންގި މިޔަހެލި 2021 ގައި ރާއްޖޭގެ ހަތަރު އަތޮޅަކުން ވަނީ މީހުން ބައިވެރިވެފައެވެ. އެގޮތުން މިފަހަރުގެ ކޭމްޕްގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ 30 ޒުވާނުން ވަނީ ބައިވަރިވެފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި އަހަރުގެ 'މިޔަހެލި' ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ އއ، އދ، ވ އަދި ކ އަތޮޅުގެ ޒުވާނުންނަށް އެކަންޏެވެ.

އުރީދޫން ބުނީ، ބައިވެރިން ތަމްރީންކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީގައި، މީހުން ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަމުގެ ރޮނގުން އީޖާދީ ހިޔާލުތައް ވަނީ ހުށަހަޅާފައި ކަމަށެވެ. އަދި ޖަޖުންގެ ޕެނަލް އަކުން ބެލުމަށް ފަހު، ޖުމްލަ 10 ހިޔާލުގެ ތެރެއިން ހޮވިފައިވާ 5 ހައްލެކެވެ.

އެގޮތުން އެއް ވަނައަށް ހޮވުނު ހައްލަކީ ހިތްވަރުގެ ނަމުގައި ހުށަހެޅި ހައްލެވެ. އެއީ ފްރީލާންސަރުންނަށް އެމީހުންގެ ހިދުމަތްތައް ދައްކާލާ އަދި ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެ ހިދުމަތްތައް ހޯދޭނެ ގޮތް މަގުފަހި ކޮށްދޭނެ ޕްލެޓްފޯމެއް، އަދި ފަންނުވެރިންނަށް ބަރޯސާވެވޭވަރުގެ އާމްދަނީއެއް ލިބޭނެ ރަނގަޅު ފުރުސަތުތަކާއި ވަސީލަތްތައް ހޯދައި ދިނުމަށް ވާޗުއަލް މާކެޓްޕްލޭސްއެއް އުފެއްދުމެވެ.

މިޔަހެލީގެ އިވެންޓްގެ ތެރެއިން / ފޮޓޯ: އުރީދޫ

އަދި ދެވަނައަށް ހޮވުނު ހައްލަކީ ހުނަރުވެށީގެ ނަމުގައި ހުށަހެޅި ހައްލެވެ. އެއީ އާންމުންނަށް ޕްރޮފެޝަނަލް ސްކިލްސް ދަސްކޮށްދީ އެފަދަ ތަމްރީނު ހޯދޭނެ ޕްލެޓްފޯމެއްގެ ހިޔާލެވެ. ތިން ވަނަ އަށް އިރުވައި ހޮވިފައިވާ އިރު އެއީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އާންމުންނަށް ފަސޭހައިން އަދި އަތްފޯރާ ފަށުގައި ފޯރުކޮށްދިނުމުގެ ހިޔާލެވެ. މީގެ އިތުރުން ހަތަރު ވަނަ ހައްލަކީ ފަހި ކާނާގެ ނަމުގައި ހުށަހެޅި ދުޅަހެޔޮ ސިއްހަތެއްގައި މުޖުތަމައުތައް ބިނާކުރުމަށްޓަކައި ދުޅަހެޔޮ ކާނާ ފޯރުކޮށްދިނުމުގެ ހައްްލެވެ.

މޮޅުވި ޓީމުތަކުގެ ހިޔާލުތަކަށް އަމަލީ ސިފަ ގެނައުމަށް ވަނީ ފައިސާގެ އެހީތެރިކަން ދިނުމަށް ހަމަޖެހިފައެވެ.

ޔޫއެންޑީޕީ އާއި އުރީދޫ މޯލްޑިވްސްގެ އިތުރުން، 2019 ވަނަ އަހަރުން ފެށިގެން 'މިޔަހެލި' ބާއްވަމުން ދަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ އެއްބާރުލުމާ އެކުގައެވެ.

މިޔަހެލި އަކީ މުހިންމު އިޖްތިމާއީ ކަންކަމަށް ބޭނުންވާނެފަދަ ޓެކްނޮލޮޖީ ހިމެނޭ އަދި ނުހިމެނޭ އިޖްތިމާއީ އީޖާދުތައް އުފެއްދުމަށް އީޖާދުކުރާ މީހުންނާއި، މެންޓަރުން އަދި ހިޔާލުތައް އެއްތަނަކުން ގުޅުވާލަދޭ ގޮތަށް ހިންގާ މަންސައެކެވެ.