މިސްރަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ ޑޮކްޓަރަކަށް ދައްކަން ދިޔައީ މާ ގަދައަށް ބަނޑުގައި ރިއްސާތީއެވެ. ޕޭޝަންޓަށްވުރެ ބޮޑު ސިހުމެއް ލިބުނީ ޑޮކްޓަރަށެވެ. ސަބަބެއް ނެތިއެއް ނޫނޭވެ. ޕޭޝަންޓުގެ ބަނޑުގައި އޮތީ މޯބައިލް ފޯނެކެވެ.

އެ ފިރިހެން މީހާ، މޯބައިލް ފޯނު ދިރުވާލީ މީގެ 6 މަސްދުވަސް ކުރިންނެވެ. ނަމަވެސް، އެ ވާހަކަ އޭނާ އޮތީ ސިއްރު ކޮށްފައެވެ. ގުދުރަތީ ނިޒާމުގެ ތެރެއިން އެ ފޯނު ބޭރުވެދާނެ ކަމުގެ އުއްމީދު އޮތްލެއް ބޮޑުކަމުންނެވެ.

ޕޭޝަންޓު ބުނި ގޮތުގައި، އިތުރު މީހެއް ގާތު އެ ވާހަކަ ބުނަން އޭނާ ލަދުވެސް ގަތެވެ. ނަމަވެސް ރިހުން ގަދަވެ، ކެތް ނުވާ ވަރު ވުމުން، ޑޮކްޓަރަކަށް ދާން މަޖުބޫރުވީއެވެ. ކާ އެއްޗިހި ދިރުވުމުގައިވެސް އޭނާއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަށް ހުރަސް އެޅީ ފޯނެވެ.

ޕޭޝަންޓުގެ ބަޑުން، ޑޮކްޓަރުންނަށް މޯބައިލް ފޯނު ފެނުނީ ނެގި އެކްސްރޭއިންނެވެ. އެއަށްފަހު، އަސްވާން އުނިވާސިޓީ ހޮސްޕިޓަލުގައި ވަގުތުން ވަގުތަށް ސާޖަރީއެއް ހެދިއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ މޯބައިލް ފޯނެއް އޮތް ގޮތަށް ދިރުވާލި ފުރަތަމަ ކޭހެވެ.

މިސްރު މީހަކު މީގެ 6 މަސްދުވަސް ކުރިން ދިރުވާލި ފޯނު ނެގުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ޓީމު / ފޮޓޯ: ސިއާސަތު

ސާޖަރީއަށް ފަހު ޕޭޝަންޓުގެ ބަނޑުން ފޯނު ނެގިއެވެ. ނަމަވެސް، އޭނާގެ ސިއްހަތާ ބެހޭ އިތުރު ތަފްސީލެއް ޑޮކްޓަރުން ހާމަ ކޮށްފައެއް ނުވެއެވެ. އޭނާއަށް އަވަސް ޝިފާއެއް ލިބޭނެ ކަމަށް ޑޮކްޓަރުން އުއްމީދު ކުރެއެވެ.

މިސްރަށް ނިސްބަތްވާ މި ފިރިހެން މީހާ، މޯބައިލް ފޯނެއް ދިރުވާލަން ޖެހުނު ސަބަބެއްވެސް އަދި ސާފެއް ނުވެއެވެ.