މަސްތުވާތަކެތި ބޭނުންކޮށްގެން "ޕާޓީ ކުރަމުން" ދިޔަ ކަމުގެ ކުށުގެ ތުހުމަތުގައި މީގެ 18 ވަރަކަށް ދުވަސްކުރިން ހައްޔަރު ކުރި، ބޮލީވުޑް ސުޕާސްޓާ ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު، އާރްޔަން ހާން އަށް، ކަފާލާތުގެ ދަށުންވެސް މިނިވަންކަން ލިބިފައި ނުވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން، އޮކްޓޯބަރު 2، 2021 ވަނަ ދުވަހު އާރްޔަން ހައްޔަރު ކުރީ، އިންޑިއާގެ ފިލްމް ސިޓީ، މުމްބާއީއިން ފުރައިގެން ގޯއާއަށް ދަތުރު ކުރަމުން ދިޔަ ކުރޫޒްޝިޕަކުންނެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އާރްޔަންއާ ދެކޮޅަށް އުފުލާފައި ވަނީ، މަސްތުވާތަކެތި ގެންގުޅުމާ، ބޭނުން ކުރުމާ، ވިޔަފާރި ކުރުމުގެ ކުށުގެ ދައުވާއެވެ.

އާރްޔަން، 23، ވަނީ އޭނާއާ ދެކޮޅަށް ކުރަމުންދާ ހުރިހާ ތުހުމަތަކަށް އިންކާރު ކޮށްފައެވެ.

އާރްޔަންގެ އަތުގައި މަސްތުވާތަކެތި ހުރިކަމުގެ ހެއްކެއް އަދި އޭނާ އެ ބޭނުން ކުރި ކަމުގެ ހެއްކެއްވެސް ފެންނަން ނެތް ކަމަށް، އާރްޔަންގެ ވަކީލު، ސަތީޝް މާންޝިންޑޭ ވަނީ، ތަކުރާރުކޮށް، ކޯޓުގައި ބުނެފައެވެ.

ނަމަވެސް މުމްބާއީގެ ކޯޓުން މިއަދުވެސް ވަނީ، ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ކުރުމަށް އިންކާރު ކޮށްފައެވެ. މިއީ ކަފާލާތުގެ ދަށުން އާރްޔަން މިނިވަން ކުރުމަށް ކޯޓުން ދެކޮޅު ހެދި 2 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކޯޓުން އެކަމަށް އިންކާރު ކުރީ އޮކްޓޯބަރު 8 ވަނަ ދުވަހުއެވެ. ކޯޓުން ވަނީ، މިމައްސަލާގައި ތުހުމަތު އަމާޒުވާ އަނެއް 2 މީހުންނަށްވެސް ކަފާލާތު ދިނުމަށް އިންކާރު ކޮށްފައެވެ.

ހަބަރު ލިބޭ ގޮތުގައި، އާރްޔަންގެ ވަކީލު، މިމައްސަލަ، މުމްބާއީގެ ހައިކޯޓަށް ވައްދާނެއެވެ.

2020 ވަނަ އަހަރުން ފެށިގެން، ބޮލީވުޑްގެ ވަރުގަދަ ތަރިންތަކަކާ ދެކޮޅަށް، ޑްރަގްގެ ބޮޑެތި ތަހުގީގުތަކެއް އިންޑިއާގައި ދަނީ ހިންގަމުންނެވެ. އެގޮތުން، ދީޕިކާ ޕަދުކޯން ފަދަ ތަރިންނާ ސުވާލުވެސް ކޮށް ހަދާފައިވެއެވެ.