ބަޣާވާތަކުން މިޔަންމާގެ ވެރިކަން ވައްޓާލާ، އެ ގައުމުގެ ކޮންޓްރޯލް ނަގާފައި ވާ އަސްކަރިއްޔާއާ ދެކޮޅަށް އަޑުއުފުލުމުން ބަންދު ކުރި 5،600 އަށް ވުރެ ގިނަ ގައިދީން މިނިވަން ކޮށްފިއެވެ.

މިޔަންމާގެ ސަރުކާރުން ބުނީ މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންނަށް މައާފުދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ގައިދީން މިނިވަން ކޮށްފައި ވަނީ އެގޮތުގެ މަތިން ކަމަށެވެ.

މުޒާހަރާތަކުގައި އަޑުއުފުލި އެތައް ބަޔަކު ހައްޔަރު ކުރުމާ ގުޅިގެން އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އޭޝިއާން) އިން ވަނީ އެމީހުން ދޫކޮށްލުމަށް އެދި މިޔަންމާއަށް ވަރަށް ބޮޑަށް ޕްރެޝާ ކޮށްފައެވެ. ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނީ އެގައުމުގެ ސަރުކާރުން މި ނިންމުން ނިންމާފައިވާ މައިގަނޑު ސަބަބަކީ އޭޝިއާން އިން ކުރި ޕްރެޝަރުތައް ކަމަށެވެ.

1،316 ގައިދީން މިނިވަން ކޮށް، 4،320 މީހުންނާ ދެކޮޅަށް އުފުލި ދައުވާ ސަސްޕެންޑު ކޮށްފައި ވާއިރު މި މުޒާހަރާތަކުގައި މަދުވެގެން 9،043 މީހުން ހައްޔަރުކޮށްފައި ވާނެ ކަމަށް އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާޒް އިން ބުނެއެވެ.

ބަންދުގައި ތިބި އެތައް ބަޔަކު މިނިވަން ކުރާ ހަބަރު ލިބުމާއެކު އެމީހުންގެ އާއިލާތަކުން ވަނީ ޖަލު ކައިރިއަށް އެއްވެފައެވެ. ސޯޝަލްމީޑިއާގައި ހިއްސާ ކޮށްފައިވާ ބައެއް ފޮޓޯތަކުން މި ގައިދީންތައް ޖަލުން ނުކުމެ އާއިލާތަކާ ބައްދަލު ކުރާ މަންޒަރު ފެނެއެވެ.

ނޮވެންބަރު 2020 ގައި ކުރިއަށް ގެންދިޔަ އިންތިހާބު ސައްހަ ނޫން ކަމަށް ބުނެ، މިދިޔަ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު މިޔަންމާގެ އަސްކަރިއްޔާ އިން އެ ގައުމުގެ މަދަނީ ސަރުކާރު ވައްޓާލާ، އިސްވެރިން ހައްޔަރު ކޮށް، ލީޑަރުންނާ ދެކޮޅަށް ވަރުގަދަ ދައުވާތަކެއް ފެންމަތިކުރިއެވެ.