މޫސުން ގޯސްވުމުގެ ސަބަބުން، ވިލިމާލެއަށް ކުރާ ފެރީ ދަތުރުތައް އެމްޓީސީސީން ކެންސަލް ކޮށްފިއެވެ.

އެ ކުންފުނިން ބުނީ ވިލިމާލެއަށް ކުރާ ފެރީގެ ދަތުރުތައް ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން، މޫސުން ރަނގަޅުވަންދެން ކަމަށެވެ.

އެހެންވެ، ފެރީގެ ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މާފަށް އެދޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ވިލިމާލެއަށް ކުރާ ފެރީގެ ދަތުރުތައް މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފައި ވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ނެރެފައިވާ ޔެލޯ އެލާޓުގެ ވަގުތު މިރޭ ދަންވަރު 12:30 ގެ ނިޔަލަށް އިތުރު ކޮށްފައެވެ.

މިއަދު ހަވީރު ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ސަން ޝިޔާމް އޮޅުވެލި ރިސޯޓު ކައިރިން އަޑިއަށް ގޮސްފައިވާއިރު، އެ ހާދިސާގައި އެކަކު ނިޔާވެ، ކުޑަ ކުއްޖެއް ވަނީ ގެއްލިފައެވެ. އިތުރު ހަތަރު މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފާއި މޫސުމާ ބެހޭ އިދާރާއިން އިލްތިމާސް ކުރެއެވެ.