ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ކޮޅުމަޑުލު ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސް ކަނޑޫދޫއަށް ވަޑައިގެންފައި ވަނީ އިއްޔެއެވެ. ރައީސްގެ މި ދަތުރުފުޅުގައި، ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފަށްޓަވައި ދެއްވައި، ފާޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމުގެ އިތުރުން، ކާބޯތަކެތީގެ މައުރަޒު ހުޅުއްވައި ދެއްވައި، ގައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާ ވަނީ ޝަރަފުވެރިކޮށް ދެއްވާފައެވެ. މިއީ 2020 ވަނަ އަހަރުގައި ދަނޑުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަ ކުރުމަށް ރައީސް ނިންމެވި ފަހުން މި ފެންވަރުގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރާ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.

ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށެވެ. ހަމައެއާއެކު ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސޯދުގައި ހިއްސާ ކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރި ކުރުވުމުގެ މަގްސަދުގައި ވެސް މެއެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށް ދިނުމަށްޓަކައެވެ.