އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ އދ.ދަނގެއްޗަކީ އެއްބައިވަންތަ މީހުން އުޅޭ ރަށެކޭ ބުނުމަކުން ދެބަސްވާނެ މީހަކު ނުހުންނާނެކަން ހަމަ ގައިމެވެ. ހިތްފަސޭހަ އެހާމެ ހިތްހަމަޖެހިގެން ބަޔަކު ދިރިއުޅެމުން އައި ދަނގެއްޗަށް ނާމާންކަމާއި ބިރުވެރިކަން ވެރިވީ މިއަދެވެ. މީހުން ނޫޅޭ ފަޅު ގެޔެއްގެ ވަޅަކަށް ފައްތާ މަރާލާފައި އޮތް އެ ރަށު މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު އެފަދަ ގޮތަކަށް ފެނުންވެގެން ދިޔައީ ގިނަ ބައެއްގެ ހިތުގައި މުޖުތަމައުގެ ރައްކާތެރިކަމާ މެދު ސުވާލުއުފެދިގެން ދިޔަ ކަމަކަށެވެ. މަހުމޫދުގެ ގާތިލަކީ ކާކުތޯ ހޯދާބަލަން ބޭނުންވާނެ މީހުން ތިބޭނެކަން ގައިމެވެ. އެހެންނަމަވެސް އެ މަރުގެ ގާތިލަކީ ކާކުކަން އާއިލާއިން ވަނީ ޝައްކެއް ނެތް މިން ވަރަށް ޔަގީންވާ ކަމަށް ބުނެފައެވެ.

އުމުރުން 57 އަހަރުގެ މަހުމޫދަކީ އެ ރަށުގައި ނެތްވަރުގެ ވިޔަފާރިވެރިއެކެވެ. ކެފޭއަކާއި ކާޑު ވިއްކާ ފިހާރައެއް ހިންގައެވެ. ރިސޯޓުތަކަށް މުދާ ސަޕްލައި ކުރާ ތިން ދޯނި އޮވެއެވެ. ގިނަ ވަގުތު މަހުމޫދު އުޅޭނީ ޑެލިވަރީގެ ހިދުމަތް ދިނުމަށްޓަކައި ބަގީއެއްގައެވެ. އެހެންކަމުން ގާތްގަނޑަކަށް 25،000 ރުފިޔާ ވަރު އަބަދުވެސް މަހުމޫދު ގެންގުޅެއެވެ. ލާރި މާރުކުރަންށާއި ޕެޓީ ކޭޝްގެ ގޮތުގައެވެ.

ލިޔެލާ އަކުރުތަކަކުން ބަޔާންކޮށް ދޭންވެސް ހިތްދަތި ހާލެއްގައި ހުރެމެ، "ދަ ޕްރެސް" އަށް މަހުމޫދުގެ މަރުގެ މައުލޫމާތު ހިއްސާކުރަމުން އޭނާގެ އަންހެން ދަރިއެއްގެ ފިރިމީހާ ބުނީ ސީރިއަސް އެންޑް އޯގަނައިޒަޑް ކްރައިމް ޑިޕާޓްމަންޓެ އޮފިސަރުން އެ ރަށަށް ދިއުމުން މަހުމޫދުގެ މޫނުމަތީގައި އަޅާފާ އޮތް ބެޑްޝީޓް އޭނާ ހުއްޓާ ނަގާފައިވާ ކަމަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާތަން ފެންނަން ހުރި ކަމަށެވެ. ޢެގޮތުން ނިތްކުރި، ކަންފަތް އަދި ކަރަށް ވަޅިން އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް މަހުމޫދުގެ ދަނބިދަރި ވަނީ ބުނެފައެވެ.

"ކަރަށްވެސް ދެތިން ފަހަރަކު ވަޅިއަކުން ޖަހާފައިހުރި، ހަށިގަނޑުގެވެސް އެކި ތަންތަނަށް ހުރި އެކި ވަރުގެ އަނިޔާދީފާ"
މަހުމޫދުގެ އަންހެން ދަރިއެއްގެ ފިރިމީހާ

ކަން ހިނގާ ދިޔައީ ކިހިނެއް؟

ސާފްޗެމްޕިއަންޝިޕްގެ ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗު ބަލާނިމުނުފަހުން އައި ފޯނު ކޯލެއްގައި މަހުމޫދު ބޭރަށް ދިޔައީ ކަމަށް މަހުމޫދުގެ އަންހެނުނާ ހަވާލާދީ ދަނބިދަރި ވަނީ ކިޔައިދީފައެވެ. މަހުމޫދުގެ އަންހެނުން ބަލިވެ އުޅޭތާ މިހާރު 3 ދުވަސްވެފައިވާ ކަމަށާއި އެހެންކަމުން މަހުމޫދު ރޭ ގެޔަށް ނިދަން އައި ކަމެއް އަދި ނާންނަ ކަމެއް އޭނާގެ އަންހެނުންނަށް އިނގިފައިނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ފޯނެއްގައި ނިކުމެގެން ދިޔަ ފަހުން މަހުމޫދަށް އޭނާގެ އަންހެނުން ދެ ފަހަރެއްގެ މަތިން ގުޅި ކަމަށާއި އެހެން ނަަމަވެސް ޖަވާބު ދީފައި ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.

މަހުމޫދަކީ އާންމުގޮތެއްގައި ލަސްވެގެން ރޭގަނޑު 11:30 ހާއިރު ނިދާ، އަނެއްކޮޅުން ފަތިހު ނަމާދަށް ހޭލާ މީހެެކެވެ. ވިޔަފާރީގެ ކަންކަމުގައި ދުވާލުދާ ހަތަރުދަމު އަވަދިނެތި މަސްއޫލުވެގެން އުޅޭ މަހުމޫދު ލަސްވެގެން ހެނދުނު 10 ޖަހާއިރު ގެޔަށް ސައިބޯން އަންނަ ކަމަށްވެސް ދަނބިދަރި ބުންޏެއވެ. ހެނދުނު ސައި ބޯން ނައިސް ލަސްވުމުން މަހުމޫދުގެ ދަރިން ވަނީ ބައްޕައަށް ގުޅާފައެވެ. އަދި ވިޔަފާރީގެ ކަންކަމުގައި އުޅޭއިރު ފޯނު ނުނެގިދާ ފަހަރު ފަހަރު އަންނަކަން ފާހަގަކުރަމުން އޭނާ ބުނީ ހަބަރެއް ނުވެ ލަސްވުމުން ރައްޔިތުން 4 ގުރޫޕަކަށް ބަހައިގެން ހޯދަން ނިކުތީ ކަމަށެވެ. އެހެން ނަމަވެސް މެންދުރުވީއިރުވެސް ފެނިފައި ނުވާތީ މެންދުރުފަހުން ނިކުންނަން ނިންމީ ގެޔެއްގައި ހުރި ތެލިތައްޓެއްވެސް ހިއްލައިގެން ބަލަން ތައްޔާރުވެގެން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މަހުމޫދުގެ ފޯނު ހޯދުމުގެ މަސައްކަތްވެސް ދިރާގާ ގުޅިގެން ކުރި ނަމަވެސް އަދި ވަނީ ފެންނަ ގޮތް ނުވެފައެވެ.

މަހްމޫދު ފެނުން

މެންދުރުފަހު ގާތްގަނޑަކަށް 3:15 ހާއިރު އަންހެން ގްރޫޕަކުން ފަޅުގެޔެއްގައި ހުރި ވަޅެއްގެ މަތި ނެގިއިރު މަހުމޫދު ވަނީ ފެނިފައެވެ. އޭނާ އޮތީ ފެން ހުރި ވަޅަކަށް ބޮލަށާއި ފަޔަށް ގޯންޏެއް މަހާ އެކޮޅުކޮޅުން ފައްތާފައެވެ. ބޮލުން މަހާލައިފައި އޮތް ގޯނި އޮތީ މޭ ކަށިގަނޑާ ހިސާބުގައި ކަމަށާއި ފައިން ލައްވާފައި ހުރި ގޯނި އޮތީ ވަލެއް ބޭނުންކޮށްގެން އައްސައިފާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެ އޮތް ގޮތަށް ބެޑްޝީޓެއް އަޅާ ސީރިއަސް އެންޑް އޯގަނައިޒަޑް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރުން ދަންދެން ބޭއްވުމަށް ފަހު މިހާރު ވަނީ އެ ބެޑްޝީޓް ނަގާފައެވެ.

ވަޅަށް ފައްތާ މަރާލާފައި އޮއްވާ ފެނުނު ދަނގެތީގެ ވިޔަފާރުވެރިޔާ މަހުމޫދު އަބޫބަކުރު ވަޅުތެރެއިން އަދިވެސް ނުނަގާ | ފޮޓޯ: ސޯޝަލް މީޑިއާ

މީގެ ކުރިން ޝައްކެއްވި؟

މީގެ ދުވަސްކޮޅެއް ކުރިން މަހުމޫދުގެ ކޮއްކޮއެއްގެ ފިހާރަ ބަޔަކު ވަނީ ފަޅާލާފައެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާއިރު މަހުމޫދުގެ މަރާ ގުޅިގެން އާއިލާއިން ވަނީ ރަށުން ބޭރު ކުށުގެ ރިކޯޑް އޮތް އެ ރަށުގައި އުޅޭ ދެމީހެއްގެ މައްޗަށް ޝައްކެތް ނެތް ވަރަށް ތުހުމަތުކުރާ ކަމަށް ބުނެފައެވެ. މީގެ ކުރިން މަހުމޫދަށް މިފަދަ ކަމަކަށް އިޝާރާތެއް ވެފައި ނުވާ ކަމަށާއި މީ އާއިލާއިން ވެސް މިފަދަ ކަމެއް ވާނެ ކަމަކަށް މިއަދާ ހަމައަށްވެސް ގަބޫލު ނުކުރާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

"އެއްވެސް ޝައްކެއްވެސް ކުރާކަން ބޭނުމެއް ނޫން. ތުހުމަތެއްވެސް ކުރާކަށް ބޭނުމެއް ނޫން. ސީދާ އިނގޭ އެކަން ކުރީ ކޮންބައެއްކަން"
މަހުމޫދުގެ އަންހެން ދަރިއެއްގެ ފިރިމީހާ

މަހްމޫދުގެ މަރު ތަހުގީގު ކުރުމުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރި ވަނީ

ދަނގެއްޗަކީ މަދުން ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ ރަށަކަށް ވިޔަސް މާރާމާރީއެއް ވައްކަމެއް މީގެކުރިން ކޮށްފައިނުވާ ރަށެކެވެ. އާއިލާއިން ތުހުމަތުކުރާ މީހުން އެ ރަށަށް ގޮސް އުޅޭތާ މިހާރު 4 ވަރަކަށް މަސްވެފައި ވާއިރު ވައްކަމާއި ފޭރުމުގެ ބިރު އެރަށުގެ ތެރޭގައި ވަނީ އުފެދިފައެވެ. މީގެ ކުރިން އެރަށުގައި ކެފޭ ރެސްޓޯރަންޓްތަކުގެ ވެރިން ބަޔަކު ވައްކަން ކުރާނެ ކަމަށްވެސް ހިތަށް ވެސް ނާރުވާނެ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.

ދަނގެތިން "ދަ ޕްރެސް" އަށް ވާހަކަ ދެއްކި އިތުރު މީހަކު ބުނި ގޮތުގައި އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ކަންކަމުގައި އެ ރަށުގައި އުޅޭ ދެ މީހުން ކަމަށާއި އެއީ މުޖުތަމައުއަށް ވަރަށް ނުރައްކާތެރި ބައެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއިން އެކަކީ އެރަށަށް ނިސްބަތްވާ މީހެއްގެ ދަރިއެއް ކަމަށެވެ. މަހުމޫދަކީ އެންމެންނާ ގުޅޭ މީހެއްކަން ފާހަގަ ކުރަމުން އެ މީހާ ބުނީ އޭނާގެ މަރުގެ ހަބަރާ އެކު މުޅިރަށް ރޮއްވާލައިފި ކަމަށެވެ.

މިފަދަ އެތަށް މަރެއް ރާއްޖޭގައި ހިނގާފައި ވާއިރު އޭގެ ތެރެއިން ގާތިލަށް ކުށުގެ އަދަބު ލިބުނު އެއްވެސް މަރެއް ވޭ ހެއްޔެވެ؟ މަހުމޫދުގެ މަރާއި ގުޅިގެން އެ މަރަށް އިންސާފު ލިބޭނެތޯ ސުވާލު އުފެދޭ އެތައް ބަޔަކު އެބަތިއްބެވެ. ހަމަލާދީ އެހާ އިހާނެތިކޮށް މަހުމޫދު މަރާލައިފާ ވާއިރު ދަނގެތީގެ ރައްޔިތުން ތިބީ އޭނާގެ މަރަށް އިންސާފު ހޯދައި ދޭން ނުކުންނާށެވެ.