ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ފުރުސަތު ނުލިބުމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ރޭ 3-1 އިން ބަލިވުމުން ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސުޒޭން ބުނީ ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބުގެ ޒިންމާ ނަގާ ކަމަށާ އެންމެން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. އަދި ރާއްޖެ ކޮޅަށް ވަނީ ވަރަށް ފަސޭހަ ދެ ގޯލެއް ކަމަށާ، އެއީ މެޗުގެ ކުރީކޮޅު ރަނގަޅަށް ފޯކަސް ނުކުރެވުމުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްޒޭން ބުނީ އިންޑިޔާއިން އެ މެޗަށް ތައްޔާރުވީ ތަފާތު ގޮތަކަށްކަން އިނގޭ ކަމަށާ، ނަމަވެސް ދިވެހި ޓީމުން ބޭނުންވި ގޮތަށް މެޗުގައި ނުކުޅެވުނީ ކަމަށެވެ. އަދި އިންޑިޔާއިން އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފި ކަމަށް ވެސް ސްޒޭން ވަނީ ބުނެފައެވެ.
ގަލޮޅު ދަނޑުގައި ދިވެހި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ އިންޑިއާއިންނެވެ. މެޗުގެ 33 ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ޖަހާ ދިނީ މަންވީރު ސިންގެވެ.
މިއަށް ފަހު ސްކޯ އެއްވަރުކުރާނެ ފުރުސަތުތައް ރާއްޖެއަށް ލިބުނު އިރު މެޗުގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގު ވަނީ ރާއްޖެއަށް ލަނޑެއް ޖަހާ ދީ ސްކޯ 1-1 އަކަށް ހަދާ ދީފައެވެ.
އޭނގެ ފަހުން ރާއްޖޭގެ ޓީމަށް ވަނީ މެޗުގެ ސްކޯގެ ފަރަގު ކުޑަކުރާނެ ގިނަ ފުރުސަތުތައް ވެސް ލިބިފައެވެ. އެހެން ނަމަވެސް 1-3 ގެ ސްކޯލައިނަކާއެކު މެޗު ނިމިގެން ދިޔަ އިރު މުބާރާތް ބާއްވާ ގައުމު ރާއްޖެ މިވަނީ ފައިނަލަށް ނުގޮސް ކަޓާފައެވެ.
މުބާރާތުގެ ފައިނަލްގައި އިންޑިއާ ވާދަކުރާނީ ނޭޕާލްއާއެވެ. މިމެޗު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.