ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ކުލި ދެއްކުން އެއްއަހަރު ދުވަހުގެ މުއްދަތަކަށް ފަސްކޮށް ދިނުމަކުން ދައުލަތަށް ގެއްލުމެއް ނުވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިސޯދީ އަޑިގަނޑާ އެކު ރާއްޖޭގެ ވިޔަފާރިތަކަށް ވެސް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި އާންމު ރައްޔިތުންގެ މާލީ ތަނަވަސް ކަމަށް ވެސް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ފަދަ ދަނޑިވަޅެއްގައި ފްލެޓަށް ބަދަލުވާ ފަރާތްތަކަށް އެއް އަހަރު ދުވަހު ކުލި ނުދައްކާ ގޮތަށް ފަސްކޮށް ދިނުމަކުން ސދައުލަތަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ހަމައެއާއެކު ދައުލަތަށް އެ ފްލެޓްގެ ފައިސާ ނުލިބުނު ކަމުގައި ވިޔަސް އެއް އަހަރު ދުވަހު ނުސީދާ ގޮތުން އާމްދަނީ ލިބޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެގޮތުން ޓެކްސް ނިޒާމުގެ ތެރެއިން އެއް އަހަރުގެ ތެރޭ 58 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާ ފްކެޓްގެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ބޮންޑޭ ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިިންމަން ކުރީ ސަރުކާރަށް އޭގެ ލޯނު ލިބިފައިވާ ކަމަށާއި ނަމަވެސް ވައްކަމުގެ ތެރެއިން ފައިސާ ބޭނުން ކޮށްފައި ވާ ކަމަށެވެ. އެގޮތުން 480 މިލިއަން ޑޮލަރުގެ ތެރެއިން ޕީޕީއެމް ސަރުކާތުން އެ ފައިސާ ނާގާފަިއވާ ކަމަށް ތުހުމަތު ކުރައްވާ ބޮންޑޭ ވަނީ އެ މައްސަލަަ ތަހުގީގު ކުރުމަށް ވެސް ގޮވާލައްވާފައެވެ. އަދި މި ވާހަކަ އަކީ ތުންތުން މަތިން މުޅި ރަށު ތެރޭ ދައްކާ ވާހަކައެއް ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުން ވަނީ ފްލެޓްގެ ދާއިމީ ލިސްޓް އިއުލާން ކުރި ފަހުން އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރަށް ހިއްސާކޮށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ކުލި ދައްކަން ފަށާ މުއްދަތު ފަސްކޮށްފައި ވީ ނަމަވެސް އެ މުއްދަތު އިތުރުކޮށް ދިނުމަށެވެ. ހަމައެއާއެކު ފިނިޝިން މަސައްކަތަށް އަތުން އިތުރު ހަރަދުތަކެއް ހޭދަ ވާނެތީއާއި ކުލި ވެސް ކުޑަކޮށް ދިނުމަށް އެ ޕެޓިޝަންގައި ވަނީ އެދިފައެވެ.
ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ ގޮތަށެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނެގުމަށް ވެސް ނިންމާފައި ވެއެވެ.
ހިޔާ ފްލެޓުތަކުގެ ކުލި އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގުނަން ފެށި ނަމަވެސް ކުލި ނަގާނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށް އެޗްޑީސީ ވަނީ ބުނެފައެވެ.