ވަރުގަދަ އިގުތިސޯދީ ކާރިސާއަކުން އަފްގާނިސްތާން ސަލާމަތް ކުރުމަށް، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ-20)ގެ ލީޑަރުން ވައުދުވެވަޑައިގެންފިއެވެ.

ޖަރުމަނުވިލާތުގެ ޗާންސެލާ، އެންހެލާ މާކޭލް ވިދާޅުވީ، ކާރިސީ ވަޅުގަނޑަކަށް އަފްގާނިސްތާނު ވެއްޓިގެން ދިއުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، އަފްގާނިސްތާނަށް ފޯރުކޮށްދޭ އެހީއަކީ މިނިވަން، ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް ފޯރުކޮށްދެވޭ އެހީ ކަމުގައި ކަށަވަރު ކުރަން ޖެހޭ ކަމަށް ބާރު އަޅުއްވާ، އެ އެހީއަކީ ސީދާ ތޯލިބާނުންގެ އަތަށް ނާރާނެ އެހީ ކަން ކަށަވަރު ކުރުމަށް ގޮވާލައްވާފައެވެ.

ވާޗުއަލް ޕްލެޓްފޯމެއްގައި ޖީ-20ގެ ލީޑަރުން ބައްދަލު ކުރައްވާ، އަފްގާނިސްތާނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި މިވަނީ، އަފްގާނިސްތާނުގެ އިގުތިސޯދަށް، އެތައް ބިލިއަން ޑޮލަރެއް ފޯރުކޮށްދިނުމަށް، ދުނިޔޭގެ ލީޑަރުންނަށް، އދއިން ގޮވާލާފައި ވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް މިހާތަނަށް ލިބެމުން ދާ ފައިސާގެ ވައުދުތައް ގުނާލެވެނީ މިލިއަނުންނެވެ. އެއީވެސް އަފްގާނިސްތާނަށް ކުއްލި ހާލަތުގައި ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ ބޭސްވެރިކަމަށް ބޭނުންވާ އެހީއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އާސެލާ ވޮން ޑާ ލެޔެން ވަނީ، އަފްގާނިސްތާނުގެ އިތުރުން، އަފްގާނިސްތާނުގެ ރެފިއުޖީން ބަލައިގަންނަ އަވަށްޓެރި ގައުމުތަކަށް އެހީގެ ގޮތުގައި 1.5 ބިލިއަން ޑޮލަރު ދެއްވަން ވައުދުވެވަޑައިގެންފައެވެ. ޖަރުމަނުވިލާތުން ވަނީ 600 މިލިއަން ޕައުންޑްގެ އެހީ ދޭން ވައުދުވެފައެވެ.

މާކޭލް ވަނީ އަފްގާނިސްތާނަށް އެހީ ހިފައިގެން ދަތުރުކުރާ އދގެ ހުރިހާ ވަފުދުތަކަށް ތޯލިބާނުން ފުރިހަމަ ހުއްދަ ދޭން ޖެހޭ ކަމަށް ގޮވާލައްވާފައެވެ. އަދި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު މާރިއޯ ޑްރާގީވެސް ވަނީ މާކޭލްގެ ފިކުރު ތަކުރާރު ކުރައްވާފައެވެ.

ޑްރާގީ އިތުރަށް ވިދާޅުވީ ޖީ-20ގެ ގައުމުތަކުން ތޯލިބާނުންނާ ގުޅުން ބާއްވާ ކަމަށާ، ނަމަވެސް އޭގެ މާނައަކީ، ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާއަތުން އަފްގާނިސްތާނުގައި އެކުލަވާލި ސަރުކާރު ބަލައިގަތުން ނޫން ކަމަށެވެ.

އަފްގާނިސްތާނުގެ މަސްރަހާ ބެހޭ ގޮތުން ޖީ-20 ގައުމުތަކުގެ އިސް ލީޑަރުން ކުރެއްވި މަޝްވަރާތަކުގައި ޗައިނާއާއި ރަޝިއާ ތަމްސީލު ކުރެއްވުމަށް އެ ގައުމުގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ރަޝިއާއާއި ޗައިނާގެ ލީޑަރުންގެ ފަރާތްޕުޅުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މަންދޫބުންނެވެ. ނަމަވެސް އެ ގައުމުތަކުންވެސް އެހީ ވާނެ ކަމަށް ވައުދުވެފައި ވާ ކަމަށް ޑްރާގީ ވަނީ ވިދާޅުވެފައެވެ.

އިގުތިސޯދީ އެހީގެ އިތުރުން، ލީޑަރުން ވަނީ، ޓެރަރިޒަމްގެ ހަބަކަށް އަފްގާނިސްތާނު ވެ ދިއުމުން އެ ގައުމު ސަލާމަތް ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މި ދަނޑިވަޅަކީ އަފްގާނިސްތާނުގައި އިންތިހާ ފަގީރުކަން އިތުރު ވަމުން އަންނަ ދަނޑިވަޅެއް ކަމުގެ އިންޒާރު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ދެއްވާފައެވެ. ވޯލްޑް ބޭންކުގެ ރެކޯޑްތައް ބުނާ ގޮތުން، އަފްގާނިސްތާނުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 40 ޕަސެންޓް އަންނަނީ ބޭރު އެހީގެ ގޮތުގައެވެ.