މާލޭގެ މަޖީދީމަގާއި އަލިކިލޭގެފާނު މަގު ގުޅުނު ހިސާބުގައި މީގެ ދިހަ އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަހުސަން ބަޝީރުގެ މަރުގެ މައްސަލާގައި މާދަމާ ހައި ކޯޓުގައި ބާއްވާ ޝަރިއަތުގެ މަޖިލިސް ލައިވް ކުރަން ނިންމާފަިއވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ހައި ކޯޓުން ބުނީ، އަހުސަންގެ މަރުގެ މައްސަލައިގެ މާދަމާ ޝަރީއަތުގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އަދި މި މައްސަލައިގެ ޝަރިއަތް ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެ ކޯޓުން ބުނެފައި ވެއެވެ.
އަހުސަން މަރާލި މައްސަަލައިގައި އޭނާ މަރާލި ކަމުގެ ތުހުމަތު އޮތް ދެމީހެއްގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2014 ގައި ހުކުމް ކުރިއެވެ. ނަމަވެސް ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ބުނެފައެވެ.
މި މައްސަލައިގައި ކުށް ސާބިތުވާ ދެމީހުންނަކީ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާއި، މއ. ވީނަސްތަރި ހަސަން ޝިމާޒެވެ. އެ ދެމީހުންނަށް ދޭން ބޭނުން ވަނީ މަރުގެ އަދަބު ކަމަށް، އަހުސަންގެ ހުރިހާ ވާރިސުން ހައި ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ބުނެފައެވެ.
ޕީޖީގެ ފަރާތުން ޝިމާޒަށް ދައުވާ ކުރީ އަހުސަން މަރާލި މައްސަލައިގައި ޝަހުމް ގޮވައިގެން އެ ސަރަހައްދަށް ދިއުމާއި، އަހުސަނަށް ދިން ހަމަލާއަށް ފަހު، ޝަހުމް ގޮވައިގެން އެ ސަރަހައްދު ދޫކޮށް ދިއުމުގެ ދައުވާއެވެ. އެހެންވެ، އެ ހާދިސާ ހިނގި އިރު، ކުށްކުރި މީހާއާ އެއްގޮތަށް އޭނާ ފިލުވަން އެހީތެރިވި މީހާވެސް ކުށްވެރި ވާނެ ކަމަށް ދައުލަތުން ބުނެފައި ވެއެވެ.
ނަމަވެސް، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބައްލަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވެފައި ވަނީ އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލަށް ބަލާ އިރު، އަހުސަން މެރުމަށްޓަކައި ޝިމާޒާއި ޝަހުމާ ދެމެދު އެއްބަސްވެފައިވާ ކަން ދައުލަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުން ކުށްކުރި މީހާއަށް ދެވޭ އަދަބު ޝިމާޒަށް ނުދެވޭނެ ކަމަށެވެ.
ޝަހުމް އަކީ މިހާރު ވެސް މަރުގެ އެހެން މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. މި މައްސަލައިގައިި ޝަހުމްގެ މައްޗަށް ދައުވާ ކުރަނީ ގަސްދުގައި މީހަކު މެރުމުގެ ކުށެވެ. ޝިމާޒުގެ މައްޗަށް ދައުވާ ކުރަނީ މީހަކު މެރުމުގައި އެހީތެރިވި ކަމުގެ ކުށެވެ.
އެހެންކަމުން މާދަމާ އޮންނަ ޝަރީއަތުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އިއްވާނެއެވެ.