މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގައި އައިއީޑީއެއް ގޮއްވާލުމުގެ ސަބަބުން، ޒަހަމްތައް ލިބިވަޑައިގަތުމަށް ފަހު، ރާއްޖޭން ބޭރުގައި ފަރުވާ ހޯއްދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިއަދު މާލެ ވަޑައިގަންނަވާނެއެވެ.

އިތުބާރު ހުރި މަސްދަރަކުން ބުނީ މިވަގުތު ދުބާއީގައި އޮތް އެކްސްޕޯ އަކަށް ވަޑައިގެން ހުންނެވި ނަޝީދު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް، ނަޝީދު މާލެ ވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެއްވެސް ކަމެއް އިންތިޒާމް ކޮށްފައި ނުވާކަމަށްވެސް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.

ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ބޭރަށް ވަޑައިގަތް ނަޝީދު، މިއަދު ރާއްޖެ ވަޑައިގަންނަވަނީ ބޭރުގައި އުޅުއްވާތާ ފަސްމަސް ދުވަސް ފަހުންނެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި ހާދިސާގައި ނަޝީދުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށެވެ. އެއަށް ފަހު މިހާރު ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގަައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.

އޭގެ ފަހުންވެސް، ނަޝީދު އަވަހާރަކޮށްލާނެ ކަމަށާއި "އަބޫ ޖަހުލަށް ހަދާލިގޮތް ހަދާލާނެ" ކަމަށް އެމަނިކުފާނަށް މަރުގެ އިންޒާރު ދިން މީހަކު ވަނީ ރ. މީދޫން ހައްޔަރުކޮށްފައެވެ.