ހަތިޔާރު އެޅި ހަނގުރާމަވެރިން ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު ގައުމު ދޫކުރައްވާ، އޭރުގެ ރައީސް އަޝްރަފު ޣަނީ، ގައުމުން ފުރާ ވަޑައިގަތީ ގިނަ އަދަދެއްގެ ފައިސާ ހިއްޕަވައިގެން ކަމަށް ކުރަމުން ދާ ތުހުމަތުތަކަށް ދައްކާނެ ހެކި އެބަހުރި ކަމަށް، އޭނާގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކު ބުނެފިއެވެ.

ކުއްލި ގޮތަކަށް ގައުމު ދޫކުރައްވާ އަޝްރަފު ޣަނީ ފިއްލެވީ، ގިނަ އަދަދެއްގެ ފައިސާއާވެސް އެކުގައި ކަމަށް ބުނެ ފާޑުކިއުންތައް އަމާޒު ވި ނަމަވެސް، އަޝްރަފު ޣަނީ ގެންދަވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.

ނަމަވެސް އަޝްރަފު ޣަނީގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކު މިހާރު ދަނީ، އަޝްރަފު ޣަނީ ގައުމު ދޫކުރައްވާ ވަޑައިގަތީ ދަބަސްތައް ފުރާ ފައިސާ ހިއްޕަވައިގެން ކަމަށާ، އެކަމަށް ހެކީގެ ގޮތުގައި ދައްކާނެ ވީޑީއޯވެސް އެބަހުރި ކަމަށް ބުނަމުންނެވެ.

ގައުމުން ފިއްލެވުމުގެ ކުރިން، އަފްގާނިސްތާނު ބޭންކުގައި މަސައްކަތް ކުރާ މީހަކު، ގިނަ އަދަދެއްގެ ފައިސާ ގެނެސްދިން ކަމަށާ، އަޝްރަފު ޣަނީ ފިއްލެވީ ފައިސާއާ އެކުގައި ކަމަށް ބާރު ދޭ ހެކި، ގަނޑުވަރުގެ ސީސީޓީވީ ފުޓޭޖު މެދުވެރިކޮށް ދެއްކިދާނެ ކަމަށް ކުރީގެ ބޮޑީގާޑު ވަނީ ބުނެފައެވެ.

އެގޮތުން މީހަކު މެދުވެރިކޮށް، އަފްގާނިސްތާނުގެ ބޭންކުން، 2 ދަބަސް ފުރާ ފައިސާ ޓްރާންސްފާ ކުރެއްވި ކަމުގެ އިލްޒާމް، ބޮޑީގާޑު ވަނީ އަޝްރަފު ޣަނިއަށް އަމާޒު ކުރައްވާފައެވެ.

މި ފައިސާއަކީ ބޭރު ފައިސާ ގަނެ ވިއްކުމަށް ހާއްސަ ކޮށްފައި ވާ ފައިސާ ކަމަށާ، ކޮންމެ ބުރާސްފަތި ދުވަހަކީ ޑޮލަރު ގެންނަ ދުވަސް ކަމަށް ބޮޑީގާޑު ވަނީ ކިޔައިދީފައެވެ. ބޭރު ފައިސާގެ މުއާމަލާތް ހިންގެވުމުގެ ބަދަލުގައި، އަޝްރަފު ޣަނީ ފުރާވަޑައިގަތީ އެ ފައިސާ ހިއްޕަވައިގެން ކަމަށް ބޮޑީގާޑު ބުނެއެވެ.

ބްރިގޭޑިއާ ޖެނެރަލް ފިރާޒް އަތޯ ޝަރިފީފީއަކީ، ރައީސް ކަމުގައި ހުންނެވި ދުވަސްވަރު، އަޝްރަފު ޣަނީގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެންމެ އިސްކޮށް އުޅުނު އޮފިސަރެވެ. ނަމަވެސް ޗާޓަރު ފްލައިޓެއްގައި އަފްގާނިސްތާން ދޫކުރައްވާ އަޝްރަފު ޣަނީ ފުރާވަޑައިގެންނެވީ ޝަރިފީ ބަހައްޓަވާފައެވެ.

ޝަރީފީ ވަނީ އަފްގާނިސްތާނުގައި އަޝްރަފު ޣަނީ ހޭދަ ކުރެއްވި އެންމެ ފަހު ވަގުތު ކޮޅާ ބެހޭ އާދަޔާ ހިލާފު ވާހަކައެއްވެސް ހިއްސާ ކޮށްފައެވެ. އެގޮތުން، ގައުމުން ފުރާވަޑައިގެންނެވުމުގެ ކުރިން ތޯލިބާނުންގެ އަތްދަށުވެއްޖެ ހިނދެއްގައި، އަމިއްލަފުޅަށް ހަށިކޮޅަށް ބަޑިޖައްސަވާ، މި ދުނިޔެއާ ވަކިވެވަޑައިގަތުމުގެ ފިކުރުގައި، އަޝްރަފު ޣަނީ އުޅުއްވީ، ބަޑިއެއް ހިއްޕަވައިގެން ކަމަށްވެސް ޝަރީފީ ވަނީ ބުނެފައެވެ.

މަސްރަހު އިންތިހާއަށް ނުތަވަނަސް ވަމުން ދިޔަ ގައުމު ދޫކުރައްވާ އެހާ ކުއްލި ގޮތަކަށް ފުރާވަޑައިގަންނެވުނީތީ، އަފްގާނިސްތާނުގެ ކުރީގެ ރައީސް އަޝްރަފު ޣަނީ، އަފްގާނިސްތާނުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. ޓްވިޓާގައި އާންމު ކުރެއްވި ބަޔާނެއްގައި އަޝްރަފު ޣަނީ ވަނީ، އެހާ ކުއްލި ގޮތަކަށް ގައުމު ދޫކުރައްވާ ފުރާވަޑައިގަތީ، ބަޑީގެ އަޑު ކަނޑުވާލާފައި ބޭއްވެނެ ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ވެފައި، ކާބުލްގެ 6 މިލިއަނެއްހާ ރަށްވެހިން ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީވެސް އެއީ ކަމުގައި ވާތީ ކަމަށް ވިދާޅުވެފައެވެ.

ގައުމުން ފުރާވަޑައިގަތީ ގިނަ އަދަދެއްގެ ފައިސާ ހިއްޕަވައިގެން ކަމަށް ރަޝިއާއިން ތުހުމަތުތަކެއް ފެންމަތި ކޮށްފައި ވާއިރު، އަޝްރަފު ޣަނީ ވަނީ އެ ކަމަށް އިންކާރު ކުރައްވާފައެވެ. އަދި އެ ދައުވާތަކާ ގުޅިގެން އދއިން ހިންގާ ތަހުގީގެއް ނުވަތަ އޮޑިޓަކަށް މަރުހަބާ ވިދާޅުވާނެ ކަމަށްވެސް އަޝްރަފު ޣަނީ ވަނީ ވިދާޅުވެފައެވެ.