ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން ދިޔަ މެލޭޝިއާގައި ބަލިމަޑުކަން ފެތުރިފައި ވާ މިންވަރު ދަށްވެ، ބަލިން ދިފާއުވުމަށް ހިންގާ ވެކްސިން ކެމްޕޭން ވަރުގަދަ ވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުގައި، އެ ގައުމުގައި ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ބައެއް ފިޔަވަޅުތަކަށް ލުއި ދީފިއެވެ.
މިއަދުން ފަށައިގެން އެތެރެއާއި ބޭރުގެ ދަތުރުތަކަށް މެލޭޝިއާއިން ލުއި ދީފައި ވަނީ، ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ މީހުންނަށް އެކަންޏެވެ. ޓީވީ މެދުވެރި ކުރައްވާ ވާހަކަފުޅު ދައްކަވަމުން މި ލުއި އިއުލާން ކޮށްދެއްވީ، މެލޭޝިއާގެ ބޮޑުވަޒިރު އިސްމާއީލް ސޮބްރީ ޔައުގޫބެވެ. ބޮޑުވަޒީރު ވިދާޅުވީ، އެ ގައުމުގެ ބޮޑެތި މީހުންގެ އާބާދީގެ 90 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ޖަހާފައި ވާ ކަމަށެވެ.
މީގެ އިތުރުން ވިޔަފާރިތައް އަލުން ހިންގައި ގަތުމަށް ފުރުސަތު ދީފައި ވާ އިރު، ވަޒީފާ އަދާ ކުރާ ފަރާތްތަކުން އޮފީހަށް ހާޒިރުވެގެން މަސައްކަތް ކުރުމުގެ ފުރުސަތު، މަޑު މަޑުން ތަނަވަސް ކުރަމުން އަންނަ ކަމަށްވެސް ހަބަރު ލިބެއެވެ.
ލުއިތަކެއް ދިން ކަމުގައި ވީ ނަމަވެސް މާސްކު އެޅުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ކިޔަމަން ވުމަށް ގޮވާލައްވާ، އިސްމާއީލ ސޮބްރީ ވަނީ އާންމުންނަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ. ފަރުވާ ކުޑަ ނުކުރުމަށާ، މިއީ ގައުމުގެ އިގުތިސޯދު އަލުން ހުޅުވާލުމަށް މެލޭޝިއާގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވެސް ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރު ވާން ފެށުމާއެކު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެލޭޝިއާއިން ވަނީ އެ ގައުމުގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކޮށް އުޅުން މަނާކޮށްފައެވެ. ގައުމުން ބޭރަށް ދަތުރު ކޮށް އުޅުމުގެ ފުރުސަތު ދީފައި އޮތީ، ރަސްމީ ނިޒާމުގެ ތެރެއިން ހާއްސަ ހުއްދައެއް ދޫކޮށްފައި ވާ މީހުންނަށް އެކަންޏެވެ.
މި އަހަރުގެ އޯގަސްޓް މަހަކީ ކޮވިޑްގެ ބަލިމަޑުކަމުގައި މެލޭޝިއާ ދުށް އެންމެ އަނދިރި އެއް މަހެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 20000 އަށް ވުރެ ގިނަ ކޭސް އެ ދުވަސްވަރު ރެކޯޑް ކުރިއެވެ. މައިގަނޑު ސަބަބަކަށް ވީ އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްއެވެ.
ނަމަވެސް، ހަލުވިކަމާއެކު ހިންގަން ފެށި ވެކްސިން ކެމްޕޭނާއެކު ބަލި ޖެހޭ ނިސްބަތް މިހާރު ވަނީ މެލޭޝިއާގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ.