ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކާޖޮލް ދޭވްގަންގެ އާ ފިލްމު ބަލާލުމަށް ކެތްމަދުވެފައިވާ ކަމަށް އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފިއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނަސްދިނުމަށް ހަމަޖެހިފައިވާ "ދަ ލާސްޓް ހުރާ" ފިލްމަށް ކާޖޮލް ސޮއި ކޮށްފައިވާއިރު އޭނާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މި އުފާވެރި ހަބަރު ފޭނުންނާ ހިއްސާ ކޮށްފައެވެ.

މި ފިލްމާ ގުޅިގެން ކާޖޮލް ބުނެފައިވަނީ އޭނާ ވެސް މި ފިލްމުގެ މަސައްކަތް ކުރުމަށް ކެތްމަދު ވެފައިވާ ކަމަށެވެ. ކާޖޮލް ބުނީ ފިލްމުގެ އޮފާ އައުމާއެކު ފިލްމަށް ވަގުތުން އާނއެކޭ ބުނެވުނު ކަމަށެވެ.

ބަތަލާ ރިވަތީ ޑައިރެކްޓްކުރާ މި ފިލްމަށް ކާޖޮލް ސޮއި ކޮށްފައިވާއިރު ފިލްމާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ކާޖޮލް ގެ އެންމެ ފަހު ފިލްމަކީ މި އަހަރުގެ ޖެނުއަރީ މަހު ނެޓްފްލިކްސް އިން ގެނެސްދިން "ތްރިބަންގާ"އެވެ.

މި ފިލްމަށް ވެސް ފޭނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު ކާޖޮލް ވަނީ ބޮލީވުޑްގެ ކާމިޔާބު އެތައް ފިލްމަކުން ފެނިގެން ގޮސްފައެެވެ. އެގޮތުން 'ކުޗްކުޗް ހޯތާހޭ'، 'ކަބީހުށީ ކަބީ ގަމް' ފަދަ ފިލްމުތަކުން ކާޖޮލް ވަނީ މޮޅު އެކްޓިންއެއް ދައްކާލާފައެވެ.