ހެންވޭރު އަލިމަސް ކާނިވާގައި ހުންނަ ބޮޑު ސްކްރީނުން އާންމުންގެ ގިނަ ބަޔަކަށް، ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެއާއި ލަންކާ ކުޅޭ މެޗް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް، ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން މި އިންތިޒާމް ހަމަޖައްސާފައިވަނީ ސާފް ޗެމްޕިއަންޝިޕް ސްޕޮންސާ ކުރާ އުރީދޫ އާ ގުޅިގެންނެވެ.

އެހެންކަމުން، ކާނިވާ ސަރަހައްދުން މެޗުތައް ބަލާލުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމުގެ އިތުރުން، އުސްފަސްގަނޑު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ މާޓީވީންނާއި ސޯޝަލް ސެންޓަރުގައި ހުންނަ ލެޑް ސްކްރީނުންވެސް ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލާލެވޭނެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބޮޑު ސްކްރީނުން ބަލާލުމުގެ އިންތިޒާމު، ސިޓީ ކައުންސިލުން ހަމަޖައްސާފައިވަނީ މިއަދު ރާއްޖެއާއި ލަންކާ ކުޅޭ މެޗަށް އިއްޔެ ޓިކެޓު ވިއްކަން ފެށިތާ ގަޑިއިރެއް ނުވަނީސް، ޓިކެޓުތައް ހުސްވެއްޖެ ކަމަށް ބުނެ ކައުންޓަރުތައް ބަންދު ކުރުމުން، އާންމުން ގަލޮޅު ދަނޑު ކައިރީގައި އިހުތިޖާޖުކޮށް އެފްއޭއެމްގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ،ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގެ ބާކީ ހުރި މެޗުތަކަށް ފަސޭހައިން އާންމުންނަށް ޓިކެޓް ލިބޭނެ ގޮތެއް އެފްއޭއެމް އާ ވާހަކަ ދައްކައިގެން ރާވައިދޭނެ ކަމަށާއި، މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު "ދަ ޕްރެސް" އަށް ވިދާޅުވީ އާންމުންނަށް ފަސޭހަކޮށްދިނުމަށްްޓަކައި، ގަލޮޅު ރަސްމީ ދަނޑުން ޓިކެޓު ދޫކުރުމުގެ އިތުރުން، އިތުރު ދެ ކައުންޓަރެއް ސޯޝަލް ސެންޓަރުގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ޓިކެޓު ގަތުމުގެ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

ސްރީ ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރުއެވެ.