އިންޑިއާގެ ދަނޑުވެރިކަމުގެ ގާނޫނަށް ގެނައި އިސްލާހް ތަންފީޒު ކުރުމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ދަނޑުވެރިންގެ ތެރެއިން ބައެއްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ޖޫނިއާ މިނިސްޓަރެއްގެ ފިރިހެން ދަރިފުޅު ހައްޔަރު ކޮށްފިއެވެ.

ފުލުސް އޮފިސަރު އަޕެންދްރާ އަގަރުވާލް ވިދާޅުވީ، އަޝީޝް މިޝްރާ ހައްޔަރު ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ލަހިމްޕޫރު ހޭރީގައި ދުވަހަކަށް ދެމިގެން ދިޔަ ސުވާލު ކުރުންތަކަށް ފަހުގައި ކަމަށްވެސް އޮފިސަރު ވަނީ ހާމަ ކުރައްވާފައެވެ.

އަޝީޝް މިޝްރާއަކީ، އިންޑިއާގެ ޖޫނިއާ ހޯމް މިނިސްޓަރު، އަޖޭ މިޝްރާގެ ފިރިހެން ދަރިފުޅެވެ.

ދަނޑުވެރިން ތުހުމަތު ކުރާ ގޮތުގައި، ލަހިމްޕޫރު ހޭރީގައި މުޒާހަރާ ކުރަމުންދިޔަ ދަނޑުވެރިން މުޒާހަރާ ކުރަން ތިބިއިރު، އެމީހުންގެ ގައިމަތިން އަރާ، ދުއްވާފައި ދިޔައީ ވަޒީރުގެ ކާރެވެ. މިދިޔަ އާދީއްތަ ދުވަހު ހާދިސާ ހިނގިއިރު، ކާރުގައި، ވަޒީރުގެ ދަރިފުޅު އިން ކަމަށްވެސް ދަނޑުވެރި ލީޑަރުން ބުނެއެވެ.

ނަމަވެސް، އަޖޭ މިޝްރާ ގެންދަވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި ކާރު ދުއްވަން އިނީ، އޭނާގެ ޑްރައިވަރެވެ. އަދި ދަނޑުވެރިންގެ ގައިގައި ކާރުން ޖެހުނީ، މުޒާހަރާގެ ބައިވެރިން، ގަލާއި، ދަނޑިބުރި އަދި ކަނޑި ބޭނުންކޮށްގެން ކާރަށް ހަމަލާ ދެމުން ދިއުމުން، ކޮންޓްރޯލް ގެއްލިގެން ކަމަށްވެސް އަޖޭ މިޝްރާ ވަނީ ވިދާޅުވެފައެވެ. އަދި ހާދިސާ ހިނގި ވަގުތު، ކާރުގައި ދަރިފުޅު ނެތް ކަމަށްވެސް އަޖޭ މިޝްރާ ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، އަގަރުވާލް ވިދާޅުވީ އަޝީޝް މިޝްރާ ހައްޔަރު ކުރަން ޖެހުނީ، ހާދިސާގައި ޝާމިލުވި 3 އުޅަނދުން ކުރެ އުޅަނދެއްގައި އޭނާ ނެތްކަން ސާބިތު ކޮށް ނުދެވުމުގެ ސަބަބުން ކަމަށެވެ.

ކާރު އެކްސިޑެންޓް ހާދިސާގައި ޑްރައިވަރުގެ އިތުރުން، ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީގެ 3 މެންބަރަކު، މުޒާހަރާގެ ބައިވެރިން ވެގެން މަރާލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.