ބޭސްފަރުވާއަށް އިންޑިއާއަށް ދާން ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ ބޭސްފަރުވާ އަށް އިންޑިއާއަށް ދިވެހިން ދިއުމަށް ވިސާ ހޯދުމުގައި ގިނަ ދަތިތަކެއް ހުރިކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް ދިވެހިންނަށް ބޭސްފަރުވާއަށް ދާން އެ ގައުމުން ވިސާ ދޫކުރަނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވަނީ ބޭސްފަރުވާ އަށް ދާން ދިވެހިންނަށް ވިސާ ހޯދުމުގައި ހުރި ދަތިތައް ހައްލުކުރަން އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފައެވެ.
ޝާހިދު މިފައިން ވިދާޅުވެފައި ވަނީ، ވިސާ ހޯދުމަށްޓަކައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ދުރާލާ އެޕޮއިންޓްމަންޓް ހޯދަން ޖެހުމާއި ގިނައިރު ކިއޫގައި ތިބެން ޖެހުމުގެ އިތުރުން، އެޕޮއިންޓްމަންޓު ދީފައި އޮންނަ ދުވަސް ފަސްކުރަމުން ގޮސް، މަސްދުވަސް ވާ އިރުވެސް ވިސާ ނުލިބޭތީ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އަދި ކޮވިޑްގެ ހާލަތާ ގުޅިގެން އެ އެމްބަސީން ވިސާ ދޫކުރުމުގެ އެއްބަސްވުން ބާތިލް ކޮށްފައިވާ އިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގިނަކުރުމުގެ ނަމުގައި އިންޑިއާއިން ސުމާރެއް ނެތި މީހުން ގެންނާތީ އެކަމާ ވެސް އެތައް ދިވެހިންނެއް ކަންބޮޑުވުން ފާޅު ކުރަމުން އަންނަނިކޮށެވެ.