އިންޑޯ-ޕެސިފިކް ސަރަހައްދުގެ ބައިނަލްއަގުވާމީ ޒޯންގައި ދަތުރު ކުރަމުން ދިޔަ އެމެރިކާގެ ނިއުކްލިއާ ސަބްމެރީންއެއް 'އެއްޗެއްގައި ޖެހި' އެކްސިޑެންޓް ވެފައި ވެ، ކުރޫއިންގެ ބައެއް މެންބަރުންނަށް އަނިޔާ ވެފައި ވާ ކަމަށް، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ޔޫއެސްއެސް ކަނެޓިކެޓް، 'އެއްޗެއްގައި ޖެހިގެން' ހިނގި އެކްސިޑެންޓްގައި އަނިޔާވި އެއްވެސް ފަޅުވެރިއަކަށް، ފުރާނައަށް ގެއްލުން ވާ ވަރުގެ ޒަހަމެއް ލިބިފައި ނުވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާ، އެމެރިކާއިން ރިޕޯޓް ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް އެމެރިކާގެ ނިއުކްލިއާ ސަބްމެރީން ޖެހިފައި ވަނީ ކަނޑައެޅިގެން ކޮން އެއްޗެއްގައި ކަމެއް އެމެރިކާއިން ތަފްސީލު ކޮށްދީފައެއް ނުވެއެވެ.
އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ސަބްމެރީންވެސް އޮތީ ރަނގަޅު ހާލެއްގައި ކަމަށެވެ. އަދި މި އެކްސިޑެންޓްގެ ސަބަބުން ޔޫއެސްއެސް ކަނެޓިކެޓް ސަބްމެރީންގެ ނިއުކްލިއާ ހަކަތައާ ބެހޭ އެއްވެސް ހިސާބަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާ، ސަބްމެރީންގެ ހުރިހާ އޮޕަރޭޝަނެއްވެސް ކުރިއަށް ދާ ކަމަށްވެސް އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އާންމު ކުރި ބަޔާނުގައި ވެއެވެ.
ހާދިސާ ހިނގި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ އެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރި ކަމާ މެދު ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދިފައި ވާ ސަރަހައްދެކެވެ. މުޅި ސަރަހައްދުގެ މިލްކުވެރިކަމަށް ހެން ޗައިނާއިން ވަކާލާތު ކުރާއިރު، މެލޭޝިއާ، ބުރޫނާއި، ވިއެޓްނާމް، ފިލިޕީންސް އަދި ޓައިވާނުންވެސް ދަނީ ދެކުނު ޗައިނާ ކަނޑުގެ އެކި ސަރަހައްދުގެ މިލްކުވެރި ކަމަށް ވަކާލާތު ކުރަމުންނެވެ.
ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރި ކަމުގެ މައްސަލާގައި، މެލޭޝިއާއަށް ވީ ސަރަހައްދަށް ޗައިނާއިން ވަދެގެންފައި ވާ ކަމަށް ބުނެ، ނިމިދިޔަ ހަފުތަގައި މެލޭޝިއާއިން ވަނީ އެ ގައުމުގައި ހުންނަވާ ޗައިނާގެ މަންދޫބު، ފޮރިން މިނިސްޓްރީއަށްވެސް ހާޒިރު ކުރައްވާފައެވެ.
މި ދަނޑިވަޅުގައި އެމެރިކާއިން ދަނީ، ކަނޑުދަތުރު ކުރުމުގެ މިނިވަން ކަން ނެގެހެއްޓުމުގެ ނަމުގައި، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި އެކި ހަރަކާތްތައް ހިންގަމުންނެވެ.
ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލަ މި ދަރަޖައަށް ހޫނުވެގެން ދިޔައީ، ޗައިނާއިން އެދުނު މިންގަނޑުތަކާ އެއް ގޮތަށް އެ ކަނޑުގެ މިލްކުވެރިކަން ސާބިތު ކޮށްދިނުމަށް، ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަންއިން 2016 ވަނަ އަހަރު އިންކާރު ކުރުމާ ގުޅިގެންނެވެ.