ޑިޒްނީއާ ދެކޮޅަށް ހޮލީވުޑްގެ ބަތަލާ ސްކާލެޓް ޖޮހަންސަން ކުރި ދައުވާ ކޯޓުން ބޭރުގައި ހައްލުކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ފާއިތުވި ޖުލައި މަހު ޑިޒްނީން ނެރުނު "ބްލެކްވިޑޯ" ޑިޖިޓަލްކޮށް ޕްރީމިއާކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ ޖޮހަންސަން ވަނީ ޑިޒްނީއާ ދެކޮޅަށް ދައުވާ ކޮށްފައެވެ.
މި ދައުވާގައި އޭގެ ސަބަބުން މާލީ ގޮތުން ގެއްލުންތަކެއް ލިބިގެން ދިއަ ކަމަށް ވެސް ޖޮހަންސަން ވަނީ ބުނެފައެވެ.
ދައުވާގައި ބުނީ އެއްބަސްވުމުގައި އޮތީ ފިލްމު ޑިޖިޓަލްކޮށް ޕްރީމިއާ ކުރާނީ ސިނަމާތަކުގައި ދައްކާތާ މަދުވެގެން 90 ދުވަސް ނުވަތަ ތިން މަސް ފަހުން ކަމަށެވެ. އަދި ފިލްމު ސިނަމާތަކާ އެއް ދުވަހެއްގައި ޑިޒްނީ ޕްލަސް އިން ޕްރީމިއާ ކުރުމަކީ އެއްބަސްވުމާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.
20 މިލިއަން ޑޮލަރަށް ޖޮހަންސަން ކުޅެފައިވާ މި ފިލްމުގެ މައްސަލައާ ގުޅިގެން ޖޮހަންސަން ޑިޒްނީއާ ދެކޮޅަށް ދައުވާކުރަން ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓަށް ހުށަހެޅީ ޖުލައި މަހުގެ 29 ވަނަ ދުވަހުގައެވެ.
މި މައްސަލަ ހައްލުކޮށްފައި ވާއިރު ޑިޒްނީން ވަނީ ބަތަލާ ޖޮހަންސަންއަށް ޝުކުރުއަދާ ކޮށްފައެވެ. މިކަމާ ގުޅިގެން ޖޮހަންސަން ބުނެފައިވަނީ މައްސަލަ ހައްލުވުމުން ވަރަށް ބޮޑު ހިންހަމަ ޖެހުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
މައްސަލަ މިހާރު ހައްލު ކޮށްފައިވާއިރު ޑިޒްނީގެ ކޮންޓެންޓް ޗެއާމަން އެލެން ބާގްމެން ބުނީ މާވެލް ސިނަމެޓިކް ޔުނިވާސް އަށް ޖޮހަންސަން ކޮށްދިން ހިދުމަތްތައް ބަލައިގަންނަ ކަމަށާ ކުރިއަށް އޮތް ތަނުގައި ވެސް އެކީގައި މަސައްކަތް ކުރެވޭނެ ކަމަށެވެ.