ރާއްޖޭގެ ހުރިހާ ރަށަކަަށް އެމްބިއުލާންސް ހަމަކުރުމަށް ގެންނަ އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ލިބިއްޖެއެވެ.

ސަރުކާރުގެ ފަރާތުން މި މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް އޮފީހުގެ ތެރަުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު 20 އެމްބިއުލާންސެއް ލިބިފައިވާ އިރު، ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭ އިތުރު 20 އެމްބިއުލާންސް ލިބޭނެ ކަމަށެވެ. އަދި އޭގެ އިތުރަށް އަދި އިތުރު 20 އެމްބިއުލާންސް ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ޖުމްލަ 60 އެމްބިއުލާންސް ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މި ސަރުކާރުގެ ސިއްހީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މީގެ ކުރިން ޖަޕާނުގެ އެހީގައި ރާއްޖެއަށް ވަނީ 21 އެމްބިއުލާންސްއެއް ހަދިޔާ ކޮށްފައެވެ. އެ އެމްބިއުލާންސް ހަދިޔާ ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ރަށްރަށަށް ހަވާލު ކުރާ މި އެމްބިއުލާންސްތަކުގެ ސަބަބުން ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުނަށް ފޯރުކޮށްދޭން ޖެހޭ ސިއްހީ ކުއްލި ފަރުވާ ރަށްރަށުގައި ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެއެވެ.