ރާއްޖޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ބަންގްލަދޭޝްގެ ނޫސްވެރިއެއްގެ ކަރުގައި އޮންނަ ފާސް، އެމްއޭއެމްގެ އޮފިޝަލެއް ދަމައިގަންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ނޫސްވެރިއާ ހުންނަނީ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ވިއްކާ ކައުންޓަރު ހުންނަ ސަރަހައްދުގައި މައިކް ހިފައިގެން އެކަން ރިޕޯޓު ކުރާށެވެ. އެ ސަރަހައްދުގައި އޭނާ ހުއްޓާ އެފްއޭއެމްގެ އޮފިޝަލެއް ނުކުމެ އެ ނޫސްވެރިއާ ވާހަކަ ދައްކާތަން ފެނެއެވެ.

އެ ނޫސްވެރިއާ ދުރަށް ދާން ފެށުމުން ދެން ފެނިގެން ދަނީ އެފްއޭއެމްގެ އެ އޮފިޝަލް އެ ނޫސްވެރިޔާގެ ފަހަތުން ގޮސް އޭނާގެ ކަރުގައި އަޅާފައި އޮތް ފާސް ދަމައިގަންނަން މަސައްކަތް ކުރާ ތަނެވެ. އެހިސާބުން ބަނގްލަދޭޝްގެ ނޫސްވެރިޔާ، ކަރުގައި އޮތް ފާހުގައި ހިފެހެއްޓުމަށް ފަހު ރައްދުގައި އެއްޗެއް ބުނާ މަންޒަރުވެސް ފެނެއެވެ.

އެ ސަރަހައްދުގައި ކަވަރޭޖް ނެގުމަށް ހަރަކާތްތެރިވެފައި ވަނީ ބަންގްލަދޭޝްގެ ސޯމީ ޓީވީގެ ނޫސްވެރިއެކެވެ.

މި ހާދިސާ ހިނގި ސަރަހައްދުގެ ދެ ތިން ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ވީޑިއޯ ވަނީ ބަންގްލަދޭޝްގެ ހަބަރު ފަތުރާ މީޑިއާތަކުގައި ވެސް ދައްކާފައެވެ.

މިކަމާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިއީ ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫން ކަމަށާއި އެފްއޭއެމްގެ އޮފިޝަލްގެ މި އަމަލަށް އެ އެސޯސިއޭޝްންގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ.

ބަންގްލަދޭޝްގެ ނޫސްވެރިއާ އާއި އެފްއޭއެމްގެ އޮފިޝަލެއް ދެމެދުގައި ދެބަސްވުމަކަށްދާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

ބަންގްދޭޝްއާއި ރާއްޖެ ކުޅޭ މެޗްގެ ޓިކެޓް ވިކި ހުސްވެ، ކަޅު ބާޒާރުގައި 2000ރ އަށް ޓިކެޓްގެ އަގު އަރައިގެން ގޮސްފައި ވާއިރު، ދިވެހިން ގެންދަނީ ކުޅިބަލަށް ދިވެހިންނަށް ވިއްކި ޓިކެޓްވެސް ބޮޑު އަގުގައި ބަންގްލަދޭޝް ރައްޔިތުންނަށް ވިއްކަމުންނެވެ. އެފްއޭއެމްގެ ގަވައިދުގައި ބުނާ ގޮތުން، އަވޭ ޓީމަށް ވިއްކާ 200 ޓިކެޓް ބަންގްލަދޭޝް މީހުން ވަނީ ގެން ހުސްކޮށްލާފައެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލު ކުރާ މެޗަށް ފޯރި ގަދަވެފައި ވާއިރު އެފްއޭއެމުން މިހާރު ބުނެފައި ވަނީ ދިވެހިންނަށް ދޫކުރާ ޓިކެޓުގައި ބިދޭސީންނަށް ނުވަދެވޭނެ ކަމަށާއި އަދި ދަނޑަށް ބިދޭސީންނަށް ވަދެވޭނީ ވިސާ ނުވަތަ ވޯކްޕާމިޓް ދައްކައިގެން ކަމަށް ވެސް ބުނެފައެވެ.