ދިވެހިރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރު ކުރުމަށް ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލް ކުރުމަށް ފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރި މައްސަލައާ ގުޅިގެން ބިޑްކޮމިޓީގައި ތިބި މީހުންނާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، މިހާރު ދަނީ އެ މައްސަލަ ދިރާސާ ކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް އެ މައްސަލައިގައި ގޮތެއް ނިންމާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް ބިޑް ކޮމިޓީން ހިންގި ކޮރަޕްޝަންގެ މައްސަލަ ފެންމަތިވުމުން އެ މައްސަލަ އޭސީސީން ވަނީ ޕީޖީއަށް ހުށަަހަޅާފައެވެ. އެ މައްސަލާގައި، ދައުވާކުރަން ފޮނުވާފައި ވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޒު އަލީ (ބްލޫބެލް / ސ.ހުޅުދޫ) އާއި، ހަމަދު އަބްދުލްޣަނީ (ގ.ސައިމާ / ކ،މާލެ) އާއި، އަލީ އިކްރާމް (ވައިލެޓްވިލާ / ވ.ކެޔޮދޫ) އާއި، މުހައްމަދު ނިޒާރު އާދަމް (ގުލްބަކާގެ / ނ.މަނަދޫ) އާއި، މަރްޔަމް ސަމާހަތު (ފަތިސްހަނދުވަރުގެ / ހއ.ހޯރަފުށި) އަދި މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ.މާލެ) ގެ މައްޗަށެވެ. އެފަރާތްތަކުގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ، ގާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

ބިޑު ކޮމިޓީގެ މެންބަރުންނާ މެދު ވަކި ފިޔަވަޅެއް ނާޅާތީ ތީ އެކަމާ ގުޅިގެން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޕީޖީއާ ހަމައަށް މައްސަލަ ދާ ހިސާބުން ސަރުކާރުން ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ މައްސަލައިގައި ޕީޖީން ވަކި ގޮތެއް ނިންމަންދެން މަޑުކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން މިނިސްޓަރުންގެ ލެވެލްގައި ތިއްބެވި ބޭފުޅުންގެ މައްސަލަތައް ޕީޖީއާ ހަމައަށް ހުށަހެޅުމާ ހިސާބުން މިނިސްޓަރުން ސަސްޕެންޑް ކޮށްފައިވީ ނަމަވެސް އަދިވެސް ޕީޖީން މައްސަލައިގައި ވަކި ގޮތެއް ނުނިންމާތީ ވަރަށް ބޮޑެތި ދަތިތައް ދިމާވެފައި އެބަ ހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށް ދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާން ކުރިއެވެ. އެއަށް ޖުމްލަ ތިން ފަރާތަކުން ބިޑް ހުށަހަޅި އިރު، އެ މިނިސްޓްރީގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލު ކުރުމަށް ނިންމާފައި ވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށެވެ.

އޭސީސީން މި މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހަޅާފައިވާ އިރު، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގަށް އެނގޭ ކަމަށެވެ. އަދި އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައި ވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައި ކަމަށް ސާބިތުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ވަސާޖިއޯ ޕްރައިވެޓް ލިމިޓަޑާ އެކު ގާއިމްކޮށްފައިވާ އެ އެއްބަސްވުން އެޕްރީލް 15 ،2021 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބާތިލްކޮށްފައެވެ.