ޓީޗަރުންގެ ދުވަހުގެ މުނާސަބަތާ ގުޅުވާފައި މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް އެސްޓީއޯއިން ހަދިޔާ ބަހައިފިއެވެ.
އެގޮތުން މާލެ ސަރަހައްދުގެ ސަރުކާރު 16 ސްކޫލެއްގެ ކޮންމެ ޓީޗަރަކަށް 250 ރުފިޔާގެ ވައުޗަރަކާއި މާބޮނޑިއެއް އެސްޓީއޯއިން ހަދިޔާ ކޮށްފައި ވެއެވެ. ހަދިޔާއަށް ދިން ވައުޗާ ބޭނުން ކޮށްގެން އެސްޓީއޯގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ޓީޗަރުންނަށް ހަދިޔާ ހަވާލު ކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އެހެން ސްކޫލްތަކުގައި ހަދިޔާ ހަވާލު ކުރީ އެ ކުންފުނީގެ މުވައްޒަފުންނެވެ.
އެސްޓީއޯއިން ބުނީ މިއީ ޓީޗަރުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށެވެ. އަދި ހުރިހާ ޓީޗަރުންނަށް ވެސް ޓީޗަރުން ދުވަހުގެ ތަހުނިޔާ ކިޔާ ކަމަށް އެ ކުންފުނިން ބުނެއެވެ. ޓީޗަރުންގެ ގައުމުގެ މުސްތަގް ބިލާ ކުރުމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށް ވެސް އެސްޓީއޯ އިން ވަނީ ފާހަގަ ކޮށްފައެވެ.
މިއަދު ހުރިހާ ސްކޫލެއްގައި ވެސް ވަނީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. އެ ގޮތުން ޓީޗަރުންނަށް މަރުހަބާ ކިޔައި ކުދިން ވެސް ވަނީ ކާޑާއި އެކި ކަހަލަ ކުދި ހަދިޔާތައް ދީ ޓީޗަރުން ކުރާ ބުރަ މަސައްކަތް ފާހަގަ ކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.