ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ވަކި ވަގުތެއްގެ ތެރޭ ނިންމަން އޮންނައިރު، އެކަން އެގޮތަށް ނުވާނަމަ، އެ މަޝްރޫއުތަކާއި ހަވާލުވެ ތިބޭ މުވައްޒަފުން ވަކިކޮށް، ބަދަލު ކުރާނެ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ވޯލްޑް ބޭންކުން ބޭއްވި "ޕޯޓްފޯލިއޯ ޕާފޮމަންސް ރިވިއު" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ލަސްވެގެން ދާއިރު، އެ މަޝްރޫއަކާ ހަވާލުވެގެން ތިބޭ ބަޔަކާއި މެދު ފިޔަވަޅު ނާޅައިފި ނަމަ، އެމީހުން މަހު މުސާރަ ނަގައިގެން އެ ގޮތުގައި ތިބޭނެ ކަމަށެވެ. އެހެންކަމުން މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމަކުން ކަންތައްތައް ކުރުމަށް އިސްކަމެއް ދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންވެ، އެގޮތަށް ކަންތައްތައް ނުވާނަމަ، މަޝްރޫއުތަކާއި ހަވާލުވެގެން ތިބޭ މުވައްޒަފުން ވަކިކޮށް އާ މުވައްޒަފުންނާ އެ މަޝްރޫއުތައް ހަވާލުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖެއާއި ލަންކާ އަށް ވޯލްޑް ބޭންކުން ކަނޑައަޅާފައިވާ ކަންޓްރީ މެނޭޖަރު ޗިޔޯ ކަންޑާ ވިދާޅުވީ ރާއްޖޭގައި ގިނަ މަޝްރޫއުތައް ހިންގާ ގޮތާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ވުރެ ރަނގަޅަށް ގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދޭ މާލީ އެހީތެރިކަން އިތުރުވެފައިވާ ކަމަށާއި، ކުރިމް ވޯލްޑް ބޭންކުން އަހަރަކަށް ހަ މިލިއަން ޑޮލަރު ރާއްޖެއަށް ދޫކުރަމުން އައި ނަމަވެސް، އެ އަދަދު 40 މިލިއަނަށް އިތުރުވެފައިވާ ކަންވެސް ޗިޔޯ ފާހަގަ ކުރެއްވިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޕޯޓްފޯލިއޯ ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިވެހި ސަރުކާރާއި ގާތުން ވޯލްޑް ބޭންކް މަސައްކަތް ކުރަމުން ދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި ވޯލްޑް ބޭންކުން ދީފައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.