ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގައި އިންޑިއާގައި މަރުވާ ކޮންމެ މަރަކަށް މާލީ ބަދަލެއްގެ ގޮތުގައި 50000 ރުޕީޒް (674 ޑޮލަރު) ދިނުމަށް އެ ގައުމުގެ ސަރުޚާރުން ނިންމި ނިންމުމަށް، އިންޑިއާގެ ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ މި އަމަރަކީ، އިންޑިއާގެ ޑިޒާސްޓާ މެނޭޖްމަންޓް ގާނޫނުތަކުގެ ދަށުން، މާލީ ބަދަލު ހޯދުމަށް ވަކީލުންތަކެއް ހުށަހެޅި ޕެޓިޝަންއާ ގުޅިގެން ނެރެފައި ވާ އަމުރެކެވެ.

ކޮވިޑްގެ ޝިކާރައަކަށް ވެ، އިންޑިއާއިން މަރުވި މީހުންގެ އަދަދު 447000 އަށް ވުރެ މައްޗަށް އަރައެވެ. ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އިންޑިއާގެ މަރުގެ ކޭސްތަކުގެ އަދަދު، މިއަށްވުރެ 10 ގުނަ މަތި ވާނެއެވެ.

ކޮވިޑް މަރަށް މާލީ ބަދަލު ދިނުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެމް އާރް ޝާހް ވިދާޅުވީ، ބަދަލަށް އެދި އާއިލާއިން ހުށަހަޅާތާ 1 މަސްދުވަހުގެ ތެރޭގައި، އާއިލާއާއި ރަހުމަތްތެރިންނަށް މާލީ ބަދަލު ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.

ޖޫން މަހު އިންޑިއާގެ ސުޕްރީމް ކޯޓަށް ވެއްދި ޕެޓިޝަންގައި ބުނެފައި ވަނީ، ކޮވިޑް-19 އަކީ ކާރިސާއެއް ކަމުގައި ކަނޑައަޅާފައި ވާއިރު، މާލީ ބަދަލު ދެވެން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ ފެޑަރަލް ސަރުކާރުން ވަނީ، ކަނޑައަޅާފައި ވާ ގަވައިދުގެ ތެރެއިން އެ ކޭހަކީ ކޮވިޑް މަރެއް ކަން ކަނޑައަޅާފައި ވާ ކޭސްތަކުގައި، އާއިލާގައި އެމީހަކާ އެންމެ ގާތުން ލޭގެ ގުޅުން އޮތް މީހަކަށް މާލީ ބަދަލު ދެވޭނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފަންޑު ދޭނީ ސްޓޭޓްތަކުން ކަމަށެވެ.

ކަން މިހެން އޮތް އިރު ކަރްނާޓަކާ ފަދަ ސްޓޭޓްތަކުން ވަނީ، ކޮވިޑްގައި މަރުވާ ފަގީރު އާއިލާތަކުގެ މެންބަރުންގެ މަރުގެ ބަދަލެއްގެ ގޮތުގައި 100000 ރުޕީޒް ދޭނެ ކަމަށްވެސް އިއުލާން ކޮށްފައެވެ. މި މޭރުމުން މިހާތަނަށް 16 އާއިލާއަކަށް މާލީ ބަދަލު ދީފައި ވާ ކަމަށް ހަބަރު ލިބެއެވެ.