އަވަށްޓެރި އިންޑިއާގެ ދަނޑުވެރި ކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ކަމަށް ބުނެ، އެ ގައުމުގެ ސަރުކާރުން ތައާރަފުކުރި ގާނޫނާ ދެކޮޅަށް، އިންޑިއާގެ ދަނޑުވެރިން ކުރަމުންދާ ސިލްސިލާ މުޒާހަރާ ހޫނުވެ، މަރުވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.

އުއްތަރަ ޕްރަދޭޝްގައި ހިންގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ތެރޭގައި 4 ދަނޑުވެރިއަކު ހިމެނޭ ކަމަށް ހަބަރު ލިބެއެވެ. މި ހަމަނުޖެހުން ހިންގާފައި ވަނީ، އިންޑިއާގެ ފެޑަރަލް ސަރުކާރުގެ ވަޒީރެއްގެ ފިރިހެން ދަރިއަކު އިންނެވި ކާރު ގާފިލާއެއް، ދަނޑުވެރިންގެ ތަކެއްގެ ގައިމަތިން ދަތުރުކުރުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ހާދިސާގައި ޝާމިލު ވަނީ ޑެޕިއުޓީ ހޯމް މިނިސްޓަރު އަޖޭ ކުމާރު މިޝްރާގެ ދައިެއް ކަމަށް ދަނޑުވެރިންގެ ފަރާތުން ބުނި ކަމުގައި ވީ ނަމަވެސް، މިޝްރާ ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.

އިންޑިއާގެ ފުލުހުންނާއި ޑިސްޓްރިކްޓް އޮފިޝަލުން ވަނީ ހާދިސާގައި މަރުވި މީހުންގެ އަދަދު ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، ހާދިސާގެ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

2 ދަނޑުވެރިއަކު މަރުވީ ކާރުން ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީގެ 3 މެންބަރަކާއި، ޑްރައިވަރެއްގެ އިތުރުން އެހެން ދަނޑުވެރިން މަރުވީ، ހިންގި ހަމަނުޖެހުންތަކުގައި ކަމަށް ޕާޓީއާއި އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އުއްތަރަ ޕްރަދޭޝްގައި މުޒާހަރާ ކުރަމުން ދިޔަ ދަނޑުވެރިންނަކީ މިޝްރާއާއި އުއްތަރަ ޕްރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ކޭޝާވް ޕްރަސާދު މޯރްޔާގެ ދަތުރަކާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ މީހުން ހަބަރު ލިބެއެވެ.

އިންޑިއާގެ ސަރުކާރާ ދެކޮޅަށް އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަމުން ދާތާ މިހާރު 10 މަހެއްހާ ދުވަސް ވަނީ ވެފައެވެ.

ސެޕްޓެމްބަރު 2020 ގައި އިންޑިއާގައި ތައާރަފު ކުރި ދަނޑުވެރިކަމުގެ ގާނޫނަކީ، ސަރުކާރުން ރެގިއުލޭޓް ކުރާ ހޯލްސޭލް ބާޒާރުގެ ބޭރުން، މިނިވަން ކަމާއެކު، އެ ދަނޑުވެރިންގެ މުދާ ވިއްކޭ ގޮތަށް ފަރުމާ ކޮށްފައި ވާ ގާނޫނެކެވެ. ނަމަވެސް މި ބަދަލަކީ، ބޮޑެތި ދަނޑުވެރިންނާ އަޅާ ބަލާއިރު، ކުދި ދަނޑިވެރިންނަށް އޮތް ނުރައްކަލެއް ކަމަށާ، މި ބަދަލަކީ، ގޮދަނާއި ހަނޑޫ ފަދަ އަސާސީ އުފެއްދުންތަކުގެ އަގު ވައްޓާލަނިވި ބަދަލަކަށް ވާނެ ކަމުގެ ޝަކުވާ ވަނީ ފެންމަތިވެފައެވެ.

ނަމަވެސް، އިންޑިއާގެ ސަރުކާރުން ބުނަމުން ދަނީ މި ބަދަލަކީ ހެޔޮ ބަދަލެއް ކަމަށާ، މިއީ އާ ފުރުސަތު ތަނަވަސް ކޮށްދެނިވި ބަދަލެއް ކަމަށެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގެ 2 ބައިކުޅަ 1 ބައި ހާ މީހުންނަށް ދަނޑުވެރިކަމުގެ ސިނާއަތަކީ އިންތިހާއަށް މުހިންމު ސިނާއަތެކެވެ. އިންޑިއާގެ 2.7 ޓްރިލިއަން ޑޮލަރުގެ އިގުތިސޯދުގެ 15 ޕަސެންޓް ހިއްސާ ކުރަނީ ދަނޑުވެރި ކަމުގެ ސިނާއަތެވެ.