ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑު ފެރީ ޓެސްޓަށް ދުއްވާލައިފިއެވެ.

އެމްޓީސީސީން ބުނީ ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑް ފެރީގެ ނިޒާމުގެ ދަށުން ބެލި ފުރަތަމަ އުޅަނދު ޓެސްޓަށް ދުއްވާލާފައި ވާ ކަމަށެވެ. ދަތުރަށް ފަހި، ފެނަށް ހެޔޮ ފެރީ ޓެސްޓު ދަތުރުގެ ނަތީޖާ އެމްޓީސީން އަދި ހާމައެއް ނުކުރެއެވެ.

ހައި ސްޕީޑް ފެރީގެ މަޝްރޫއު ކާމިޔާބު ކުރުމަށް ޕްލޭނިން މިނިސްޓްރީން ދިން އިރުޝާދާއި ގަލްފް ކްރާފްޓުން ދިން އިހުލާސްތެރި އެއްބާރުލުމަށް އެމްޓީސީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑު ފެރީ މޫދަށް ބެލީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އެދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އިންޖީނު ކޮމިޝަންކޮށް ޓެސްޓްކުރުމަށް ފަހު މިދިޔަ ހަފްތާގެ ތެރޭގައި ސީ ޓްރަޔަލް ފެށޭނެ ކަމަށް ބުނެފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ދަތުރު ކުރުމަށް ބޭނުންކުރާ ފެރީތަކަކީ 30 ނޮޓުގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ.

އެމްޓީސީސީގެ ހައިސްޕީޑް ފެރީތަކުގައި އަޅަން ހަމަ ޖެހިފައިވަނީ ޖަޕާނުގެ ޔަންމާ ކުންފުނިގެ 6CXBM-GT މޮޑެލްގެ 400 ހޯސް ޕަވަރުގެ އިންޖީނު ކަމަށް އެކުންފުނިން ބުނެއެވެ

އެހެންކަމުން މިހާރު އެމްޓީސީސީން ބޭނުން ކުރާ ފެރީތަކާ އަޅާ ބަލާއިރު ތިން ގުނަ ބާރު މިނުގައި މި ފެރީތައް ދަތުރު ކުރާނެއެވެ. އެ ފެރީތައް ބަނުމުގައި އިސްކަން ދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނެ ގޮތަކަށް ކަމަށާއި އެގޮތުން ފެރީގެ ސީޓާއި، ފަސިންޖަރުންގެ ކެބިން ފަރުމާ ކުރަނީ އެފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ހާއްސަ އިންތިޒާމްތަކެއް އެ ފެރީތަކުގައި ގާއިމް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ފެރީއެއްގައި އެއްފަހަރާ 50 މީހުން އުފުލޭނެއެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުޙަލާގެ ދަށުން ފެރީގެ ހިދުމަތް ދޭނީ ހއ، ހދ އަދި ށ އަތޮޅުގައެވެ.

ހަފްތާގެ ހުރިހާ ދުވަހެއްގައި ފެރީގެ ހިދުމަތް ދިނުމަށް ނިންމާފައިވާ އިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ނިންމާފައި ވާ ކަމަށްވެސް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ އަދި އެެއްވެސް ހިދުމަތެއް ހުއްޓިއްޖެ ނަމަ، ބެކަޕް ޕްލޭނެއް ވެސް ތައްޔާރަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް އަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.

އެގޮތުން ފެރީ ނެޓްވޯކް އިން 6 ރީޖަން ގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅުވައި ލެވޭ އިރު، އެއް ރީޖަން އަނެއް ރީޖަން އާ ވެސް ގުޅިގެން ދާނެއެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.