މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މަސައްކަތް ކުރާނީ ސަރުކާރު ކޯލިޝަން ވަރުގަދަކޮށް ގައުމުގެ ތަރައްގީއަށް ކަމަށް ޕާޓީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އެމްއާރްއެމްގެ ފުރަތަމަ ގައުމީ ކޮންވެންޝަންގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިހާރު އެމްއާރްއެމްއިން ފަށާފައި ވަނީ އާ މަރުހަލާއެއް ކަމަށެވެ. އަދި އެ ޕާޓީން ކުރާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގައި އިތުރު ކުރިއެރުން ތަކެއް ލިބި، ގައުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިވެ ދިވެހި ގައުމަށް ބާއްޖަވެރި ދުވަސްތަކެއް ފެނިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމްއާރްއެމް އަކީ ވަކި ބަޔަކާ ނުވަތަ ވަކި ޕާޓީއަކާ ދެކޮޅަށް މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެ ޕާޓީން އަބަދުވެސް އިސްކަން ދޭނީ ސަރުކާރާއި ރައްޔިތުންނާ ގުޅިގެން އަދި އެހެން ޕާޓީތަކާ ވެސް ގުޅިގެން، ގައުމުގެ މަސްލަހަތަށްޓަކައި މަސައްކަތް ކުރަން ކަމަށް މައުމޫން ވިދާޅުވިއެވެ.

އެމްއާރްއެމް އިން ބޭނުން ވަނީ ރާއްޖޭގެ އެންމެހާ މުއައްސަސާތަކާއި، ޖަމާއަތްތަކާއި ފަރުދުން ވެސް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާ އެކު ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރަމުން ދިއުން ކަމަށް މައުމޫން ވިދާޅުވިއެވެ. އޭގެ ސަބަބުން ރާއްޖެއަކީ ސުލްހަވެރި، އެކުވެރި، ޑިމޮކްރަސީ ހަމަތައް ގަބޫލު ކުރާ، އަދި ނަޒާހަތްތެރި ކަމާ އެކު މަސައްކަތް ކުރާ ގައުމަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އެޕާޓީން ބޭއްވި އެންމެ ފުރަތަމަ ގައުމީ ކޮންވެކްޝަންގައި ވަނީ އިންތިހާބުވި ފަރާތްތައް އިއުލާން ކޮށްފައެވެ. އެ ގޮތުން އެ ޕާޓީގެ ޒައީމުކަމަށް އިތުރު ބޭފުޅަކު ކުރިމަތިނުލުމުން، އެ މަގާމަށް ކުރީގެ ރައީސް މައުމޫން ހޮވިވަޑައިގަތީ ވޯޓަކަށް ނުގޮހެވެ. އެ ޕާޓީގެ ރައީސް އަކީ ރައީސް މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނެވެ. އަދި ނައިބު ރައީސް އަކީ އާމިނަތު ނާދިރާއެވެ.

އެ ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސަކަށް އިންތިހާބު ވެފައި ވަނީ އިބްރާހިމް ފަރްހާދު އަދި ނައިބު ރައީސް ކަމަށް އިންތިހާބު ވެފައި ވަނީ އާމިނަތު ރިފްގާއެވެ. ހަމައެއާއެކު އަންހެނުން ކައުންސިލްގެ ރައީސް ކަމަށް އާރިޒާ ރަޝީދު ހޮވިފައިވާ އިރު ނައިބު ރައީސް ކަމަށް ހޮވިފައި ވަނީ ހައްވާ އިއްފަތެވެ.