ހުޅުމާލެ ފޭސް އިން ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކުން އެމްޓީސީސީގެ ކުރީގެ ބަސް ކާޑް ބޭނުން ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓިސީސީން މިހެން ބުނީ، ބަހުގެ ހިދުމަތް މިހާރު ހުޅުމާލެ ފޭސް 2 ގައި ދޭން ފެށުމާ ގުޅިގެންނެވެ. ހުޅުމާލޭ ފޭސް 2 ގެ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވަކި ހާއްސަ ބަސް ކާޑެއް ތައްޔާރު ނުކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ. ބަހުގެ ހިދުމަތް ހުޅުމާލެ ފޭސް 2 އަށް ފެށުމާ އެކު ހިދުމަތް ހޯދަން ކުރިން ހުޅުމާލޭގައި ބަސް ދަތުރު ކުރަން ގެންގުޅުނު ބަސް ކާޑް ފުދޭނެ ކަމަށާއި ކާޑް ނެތް ފަރާތެއް ނަމަ ކާޑު ހައްދަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ، މި މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެށި ބަހުގެ ހިދުމަތާ އެކު އެ ތަނުގައި ހުންނަ ބަސް ސްޓޭޝަންގައި އެ ކުންފުނީގެ ސްޓާފެއް ހުންނަ ގޮތަށް ހަމަޖައްސާފައި ވާނެ ކަމަށެވެ. އެއީ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ދަތުރު ކުރާ ރޫޓު އަންގައި ދިނުން ފަދަ މައުލޫމާތު ފޯރުކޮށް ދިނުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ ގޮތުން އެމްޓީސީސީގެ ސްޓާފެއް ހުންނާނީ ދެވަނަ ފިޔަވަހީގައި ހުންނަ ފުރަތަމަ ބަސް ސްޓޮޕްގައި ކަމަށާއި އަދި އެ ސްޓާފް ހުންނާނީ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މިއަދުން ފެށިގެން 7 އޮކްޓޯބަރުގެ ނިޔަލަށް އެ ބަސް ސްޓޮޕްގައި މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. ހަމައެއާއެކު އިތުރު މައުލޫމާތު ސާފު ކުރަން ބޭނުން ނަމަ އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅާލުމުން ވެސް ބޭނުންވާ މައުލޫމާތު ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ހުޅުމާލެ ފޭސް 2 ގައި ދުއްވަން ހަމަޖެހިފައިވާ ބަހަކީ ހަމައެކަނި ހުޅުމާލެ ތެރޭގައި ދުއްވާ ބަހެކެވެ. އެ ބަސް ހުޅުމާލޭގެ 12 ތަނަކަށް ހުއްޓާނެއެވެ. އެހެންކަމުން ހިޔާ ފްލެޓަށް ބަދަލުވި ފަރާތްތަކުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދާން ޖެހިއްޖެ ނަމަ އެއްވެސް އުނދަގުލަކާ ނުލައި މިހާރު ދަތުރު ފަތުރު ކުރެވޭނެ އިންތިޒާމް މި ވަނީ ހަމަޖެހިފައެވެ.