އަންހެނަކު ދިޔައީ މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުންނެވެ. މާފަންނު ހަނދުވަރީ ހިނގުމާއި މުނިޔާމަގު ގުޅޭ ކަންމައްޗަށް އަންހެން މީހައަށް އަރާ ހަމަވެވޭ އިރު، މަގު ހުރަސް ކުރަން ދެ ފިރިހެނަކު ބާރު ސްޕީޑްގައި ސައިކަލެއްގައި ދެއެވެ.

އެ އެކްސިޑެންޓާ ގުޅޭ ވީޑިއޯ އާންމުވެފައި ވާއިރު އެ ދެމީހުން ބަލާލުމެއް ނެތި "ރޮކެޓް ސްޕީޑްގައި" މަގު ހުރި ގޮތަށް ދާ އިރު އެ މަގަށް ނުކުންނަ އަންހެން މީހާގެ ސައިކަލުގައި ޖެހި އަންހެން މީހާ "ގުޅައަކަށް ބިންމައްޗަށް ޖެހޭ" އެވެ.

އަންހެން މީހާ ވެއްޓޭތަން އެ ދެމީހުންނަށް ފެނުނުނަމަވެސް އަޅާވެސް ނުލައި އެ ދިޔަ ސްޕީޑްގައި ދިޔައީއެވެ.

އަންހެން މީހާ އިން ސައިކަލު އެކްސިޑެންޓް ވެ ވެއްޓުނު ވަގުތު އަންހެންމީހާއާއި ސައިކަލު ވެއްޓި އަންހެން މީހާގެ މޫނު ބިންމަތީގައި ޖެހެއެވެ. އޭނާ ނިތްކުރީގައި އަތް އަޅައިގެން ތެދުވާން މަސައްކަތް ކުރާތަން އެ ވީޑިއޯއިން ފެނެއެވެ. އެ ވަގުތު އެ މަގުމަތީ އުޅުނު މީހުން އެ އަންހެން މީހާއަށް އެހީ ވެއެވެ. ނަމަވެސް ސައިކަލުން ޖައްސާ ވައްޓާލި މީހުން "ބެޗީ" އެވެ.

މި ވީޑިއޯ ހިއްސާ ކުރި އެކްސިޑެންޓްވި އަންހެން މީހާގެ އާއިލާ މީހަކު ބުނީ، އެއީ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ކަމަށާއި އަދި ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވި ކަން އެއީ ހަމަ ނަސީބު ކަމަށެވެ.

މި ކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާ ޒުވާނުން މިއަށް ވުރެއް ޒިންމާ ވާން ޖެހޭ ކަމަށާއި އަދި މިފަދައިން އެކްސިޑެންޓެއް ވުމުން މަޑު ނުކޮށް ދާނީ ލައިސަންސް ނެތި ނުވަތަ ގަވާއިދާ ހިލާފު ކަމެއް ހިންގާ ބަޔަކަށް ވީމާ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އެކްސިޑެންޓް ކޮށްލައި "ފިލި" މީހުން ހޯދަން މަސައްކަތް ކުރާކަމެއް ވެސް ނުބުނެއެވެ.

މަގުމަތީގައި އެއްޗެތި ދުއްވާ އިރު، އުޅަނދު ފަހަރު ދުއްވުމުގެ ގަވައިދަށް އަމަލު ކުރުމަށާއި ސްޕީޑް 30 އަށް ވުރެއް މަތި ނުކުރުމަށް ގަވާއިދުގައި ބުނެފައި އޮތަސް ބާރު ސްޕީޑުގައި މާލޭގެ ހަނި މަގުތަކުން ދުއްވާ ސައިކަލުތައް މަދެއް ނޫނެވެ. މި ގޮތަށް ގަވާއިދަށް ބަލާ ނުލާ ސައިކަލު ދުއްވާ ނަމަ މީހެއްގެ ފުރާނަ ގެއްލި ކިތަންމެ ބޮޑު އަނިޔާއެއްވެސް ލިބިދާނެއެވެ. އެހެންކަމުން މި ކަންކަމަކީ އާންމުން ސަމާލު ވާން ޖެހޭ މުހިއްމު ކަންކަމެވެ.