މާލޭ ސަރަހައްދުގެ ގޭބިސީތަކުގެ ތެރެއިން ކުނި ނެގުމަށް ރަޖިސްޓާ ނުވާ ގެތަކުން މާދަމާއިން ފެށިގެން ކުނި ނުނަގާނެ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޭގެއަށް ވަދެ ވެމްކޯއިން ކުނި ނަގާ ގޮތަށް ބަދަލު ގެނައުމަށް ފަހު އެ ކުންފުނިން ވަނީ ގިނަ ގެތަކެއް ރަޖިސްޓާ ނުކޮށް ހުރިކަން ފާހަގަ ކޮށްފައެވެ. އަދި މި މަހުގެ ނިޔަލަށް ރަޖިސްޓާ ކުރުމަށް ގޮވާލައި ވެމްކޯއިން ވަނީ ކުނި ނެގުމުގައި އެއްވެސް ދަތިކަމެއް ދިމާ ނުވެ ކުރިއަށް ދާނީ އޭރުން ކަމަށް ބުނެފައެވެ.

އެ ގޮތުން މި މަހުގެ ނިޔަލަށް އެ މުއްދަތު ހަމަވާ އިރު މާދަމާ އިން ފެށިގެން ރަޖިސްޓާ ނުކުރާ ގެތަކުން ކުނި ނުނަގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭގެ ސަރަހައްދުގައި ވެމްކޯގައި ރަޖިސްޓާ ނުވާ 10000 އާއި 15000 އާ ދެމެދުގެ ގޭބިސީ އެބަ ހުރި ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޭމްކޯއިން ވަނީ ބުނެފައެވެ. ރަޖިސްޓާ ވެފައި ހުރީ 16000 ގޭބިސީ ކަމަށާއި އެ ގޭބިސީތަކުގެ ތެރެއިން ޕެންޑިން ބިލްތައް ނުދައްކާ ހުރީ 4000 ގޭބިސީ ކަމަށް ވެމްކޯއިން ބުނެއެވެ. ނަމަވެސް 12000 އެއްހާ ގޭބިސީ އަކީ ތިން މަހަށް ވުރެ ގިނަ މަސްތަކަށް ބިލް ނުދައްކާ ހުރި ގޭބިސީތައް ކަމަށް ވެމްކޯއިން ބުނެއެވެ.

ކުނި ނަގަން ރަޖިސްޓާ ނުވާ މައްސަލައިގެ އިތުރުން ބިލްތައް ނުދައްކާ މައްސަލައަކީ ވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށް ވެމްކޯއިން ފާހަގަ ކުރެއެވެ.