ކޮވިޑާ ގުޅިގެން އދ. މަހިބަދޫ އަނެއްކާވެސް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ ވިދާޅުވީ މިއަދު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މާލެއިން ރަށަށް ގޮސް ކަރަންޓީގައި ތިބި ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ގޭގައި ދިރިއުޅޭ އެހެން ބައެއްގެ ސާމްޕަލް ނެގިއިރު ކޮވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ.

ރަޝާދު އިތުރަށް ވިދާޅުވީ މިހާތަނަށް އެރަށުން ވަނީ 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރަޝާދު ވިދާޅުވިއެވެ.

ފްލޫކްލިނިކަށް ދެއްކި 17 އަހަރުގެ ފިރިހެން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ކުއްޖާގެ ދެ ޑައިރެކްޓް ކޮންޓެކްޓުން ޕޮޒިޓިވް ވުމާ ގުޅިގެން، ރަށް މޮނިޓަރިންއަށް ލީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އޭގެ 13 ދުވަސްފަހު މި މަހުގެ 9 ވަނަ ދުވަހު އެ ރަށުގެ މޮނިޓަރިން ވަނީ އުވާލާފައެވެ.