ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށް، ކަމާ ބެހޭ ފަރާތްތަކުން ރުހުން ދީފައި ވާ ވެކްސިންތަކާ ބެހޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް، ދިގު މައުލޫމާތު ފެތުރުމަށް ތައްޔާރު ކޮށްފައި ވާ ހުރިހާ ކޮންޓެންޓެއް، އެ ޕްލެޓްފޯމުން ނަގާނެ ކަމަށް، ދުނިޔޭގެ އެންމެ ބޮޑު ވީޑިއޯ ޕްލެޓްފޯމް، ޔޫޓިއުބްއިން ބުނެފިއެވެ.

ޔޫޓިއުބްއިން ބުނީ، ދޮގު މައުލޫމާތު އެކުލެވޭ ކޮންޓެންޓްގެ ގޮތުގައި އެ ޕްލެޓްފޯމްއިން ނަގާނެ ކޮންޓެންޓްގެ ތެރޭގައި، ކޮވިޑް ވެކްސިނަކީ، އޯޓިޒަމް، ކެންސަރު އަދި ދަރިމައިނުވުން ފަދަ ބަލިތަކާއި ނުކުޅެދުންތެރިކަމަށް މަގު ފަހި ކުރާ ވެކްސިންތަކެއް ކަމަށް ދޭހަ ކޮށްދޭ ކޮންޓެންޓްތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ވެކްސިން ޖެހުމާ ދެކޮޅަށް ނުފުޒޫ ފޯރުވަމުން ދާ މީހުންގެ އެކައުންޓްތައް ބާތިލު ކުރުމަށްވެސް ޔޫޓިއުބްއިން ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ވެކްސިން ކެމްޕޭނަކީ، މި ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ބިޔަ ވެކްސިން ކެމްޕޭނެވެ. ނަމަވެސް، މި ކެމްޕޭނާ ދެކޮޅަށް ބަޔަކު ފަތުރަމުންދާ ހަގީގަތެއް ނެތް ދޮގު މައުލޫމާތުތައް ހުއްޓުވާ، އާންމުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް، ޓެކްނޮލޮޖީގެ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އެކަށީގެން ވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ، ނުރުހުން ފާޅުކޮށް، ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.

ކޮވިޑް ވެކްސިނާ ގުޅިގެން ދޮގު މައުލޫމާތު ފަތުރާ ކޮންޓެންޓް ނެގުމަށް ޔޫޓިއުބްއިން މިދިޔަ އަހަރުވެސް މަސައްކަތްތަކެއް ކޮށްފައި ވާ އިރު، މިފަދަ 130000 އެއް ވީޑިއޯއެއް ނަގާފައި ވާކަމަށް އެ ކުންފުނިން ބުނެއެވެ.

ޔޫޓިއުބްއިން ބުނީ، ކޮވިޑް ވެކްސިނާ ގުޅިގެން ދޮގު މައުލޫމާތު ފެތުރުމުގެ ތެރެއިން، އެހެން ބަލިތަކުގެ ވެކްސިނާ މެދުވެސް މީހުންގެ ހިތުގައި ޝައްކު އުފެދޭ ފަދަ ކޮންޓެންޓްތައް ނެގުމަށްވެސް ސަމާލުކަން ދޭނެ ކަމަށެވެ.

ފޭސްބުކްއިން ވަނީ މިފަދަ ސިޔާސަތެއް، ފެބުރުއަރީ މަހުން ފެށިގެން ހިންގަން ފަށާފައެވެ. ނަމަވެސް، އެކަން ތަންފީޒު ކުރުމުގައި، ފޭސްބުކް ކުންފުންޏަށް ވަނީ ބ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ޓްވިޓާއިންވެސް ވަނީ، ވެކްސިންތަކާ ގުޅިގެން ތަކުރާރުކޮށް ދޮގު މައުލޫމާތު ފަތުރާ އެކައުންޓްތައް ބަންދު ކުރާނެ ކަމުގެ އިންޒާރު، މާޗް މަހު ދީފައެވެ.