ހިޔާ ފްލެޓަށް ބަދަުވި ފަރާތްތަކުގެ ތެރެއިން ކަރަންޓުގެ ހިދުމަތަށް އެދި ސްޓެލްކޯގައި ރަޖިސްޓާ ވުމަށް ފަހު ވެސް ކަރަންޓު ނުލިބޭ ފަރާތްތައް އަނެއްކާ ވެސް އޮންލައިންކޮށް ފޯމް ހުށަހަޅަށް ސްޓެލްކޯ އިން އެދިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ، ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެ ކުންފުނީގެ ހިދުމަތައް ރަޖިސްޓާ ކުރުމަށް ފަހު، އެކި ސަބަބުތަކާ ހެދި ކަނެކްޝަން ލިބިފައި ނުވާ ފަރާތްތަކަށް ކަނެކްޝަނަށް އެދި ހުށަހެޅޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި ކަމަށެވެ. އެ ގޮތުން އޮންލައިންކޮށް މި ކަނެކްޝަނަށް އެދި ހުށަހެޅުމަށް މި ލިންކަށް ޒިޔާރްތަ ކޮށްލުމަށް ފަހު ދީފައިވާ އިރުޝާދާ އެއް ގޮތަށް ފޯމް ފުރުމަށް ސްޓެލްކޯ އިން ބުނެއެވެ.
ހިޔާގެ 6720 ފްލެޓްގެ ތެރެއިން މިހާތަނަށް ސްޓެލްކޯގެ ހިދުމަތަށް އެދި އެގްރީމަންޓް ހަދާފައި ވަނީ 6106 ފަރާތަކުން ކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެ ތެރެއިން 5828 ފްލެޓެއްގެ ވެރި ފަރާތުން ވަނީ އެގްރީމަންޓުގައި ސޮއި ކޮށްފައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
މިވަގުތާ ހަމަޔަށް ހިޔާ ފްލެޓްތަކުގެ ތެރެއިން ސްޓެލްކޯއާ އެކު ސޮއިކޮށްފައި ވާ 95 ޕަސެންޓް ކަސްޓަމަރުންނަށް ވަނީ ކަނެކްޝަން ގުޅާ ދީފައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. މީގެ އިތުރުން، އެގްރީމަންޓުގައި ސޮއި ކުރުމަށްފަހު އެކި ސަބަބުތަކާއި ހެދި ކަސްޓަމަރަށް ހާޒިރު ނުވެވިގެން، ކަނެކްޝަން ދެވިފައި ނުވަނީ 280 ފަރާތަކަށް ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. އެއީ އެގްރީމަންޓު ހެދި ފަރާތްތަކުގެ 5 ޕަސެންޓް މީހުންނެއެވެ. އެހެންކަމުން މި ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކަނެކްޝަނަށް އެދެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިދީފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހުޅުމާލެ ފޭސް 2 އަށް މީހުން އާބާދުވެ ދިރިއުޅެން ފެށުމާއެކު މިހާރު އަސާސީ ބޭނުންތައް ފުއްދޭ ގޮތަށް ވަސީލަތްތައް އެ ސަރަހައްދަށް ފޯރުކޮށް ދިނުމަށް އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
ފޭސް 2 އަށް ކަރަންޓް ފޯރުކޮށް ދޭން ފަށަން ވާ އިރަށް ކަރަންޓް ބާރުބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ގްރޭޓާމާލެ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ވަނީ ގުޅާލާފައެވެ.
މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.