ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނޫސްވެރިންނާއި މީޑިއާތަކުން މަސްދަރު ހާމަކުރުމަށް މަޖުބޫރު ކޮށްފައިވާ އިސްލާހާ މެދު ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އެ މާއްދާ މުރާޖައާ ކުރަން ނިންމައިފިއެވެ.
މިދިޔަ މަހުގެ 30 ގައި މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހެއްކާ ބެހޭ ބިލަށް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރުމަށް ކޯޓުތަކުން މަޖުބޫރު ކުރެވޭނެ ކަމަށާއި، އެފަދަ ހާލަތްތައް ވަނީ ހިމަނާފައެވެ.
އެ ކަމާއި ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމު މަސްލަހަތު ބޮޑު ކަމަށް ޝަރީއަތަށް ބުރަވެވޭ ހާލަތްތަކެއްގައި މަސްދަރު ހާމަކުރުމަށް ލާޒިމުކުރެވޭ އުސޫލެއް ކަނޑައަޅާފައި ވަނީ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، އެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ހާލަތްތައް ކަމުގައި ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.
އަދި އެ މާއްދާ އެގޮތަށް ކަނޑައެޅުމުގައި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ މާއްދާގެ ސަބަބުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)، އެޑިޓާސް ގިލްޑު މޯލްޑިވްސް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ނޫސްވެރިކަމާ ބެހޭ ބައިނަލްއަގުވާނީ ޖަމްއިއްޔާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީންއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ މާއްދާ އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.
މަޖިލީހުގައި މިހާރު ހުށަހަޅައިގެން އުޅޭ ހެއްކާ ބެހޭ ގާނުނުގެ އިސްލާހު ފާސްވެއްޖެ ނަމަ ކުރިން އެކުލަވާލާފައިވާ ދެގާނޫނު އުވިގެން ދާނެއެވެ.