ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ހުށަހަޅާފައި ވަނީ އޮސްޓްރޭލިއާގައި އަމަލުކުރަމުން ދާ މޮޑެލް އަކަށް ބިނާކޮށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ނޫސްވެރިން މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް، ހެއްކާ ބެހޭ ބިލަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދިއުމަށް ޖަމިއްޔާތަކުން ގޮވާލާފައި ވަނިކޮށެވެ.
މުޣުނީ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން، އެމީހާއަށް ނުވަތަ އެހެން ފަރާތަަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެއެވެ. މަސްދަރު ހާމަކުރަން ލިޔުމެއް ލިޔުނު ނޫސްވެެރިޔާ އަަށާއި އެ ލިޔުމެއް ޝާއިއު ކުރި މީޑިއާއަށް މަޖުބޫރު ކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބޭނެ ކަމަށްވެސް އެ މާއްދާގައި ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި ނަޝީދު ވިދާޅުވީ މީޑިއާގެ މިނިވަން ކަމަށާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކުގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުން ގެންދަވާ ކަމަށެވެ.
ހެއްކާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހަކީ އޮސްޓްރޭލިއާ އިން އަމަލުކުރާ މޮޑެލްއަކަށް ބިނާކޮށް ހުށަހަޅާފައިވާ އިސްލާހެއް ކަމުގައިވި ނަމަވެސް، އެ އިސްލާހުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ބަންޑާރަނައިބު ފާހަގަ ކުރައްވާފައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދުވެސް އިސްކަން ދޭން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.
މަޖިލީހުގައި މިހާރު ހުށަހަޅައިގެން އުޅޭ ހެއްކާ ބެހޭ ގާނުނުގެ އިސްލާހު ފާސްވެއްޖެ ނަމަ ކުރިން އެކުލަވާލާފައިވާ ދެގާނޫނު އުވިގެން ދާނެއެވެ.