ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނޫސްވެރިންނާއި މީޑިއާތަކުން މަސްދަރު ހާމަކުރުމަށް މަޖުބޫރު ކޮށްފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް، ނުސްވެރިކަމާ ބެހޭ ރާއްޖޭގެ ޖަމްއިއްޔާތަކާއި އައިއެފްޖޭއާއި ޓްރާންސްޕޭރަންސީ އަދި އެމްނެސްޓީން ގޮވާލައިފިއެވެ.

މިދިޔަ މަހުގެ 30 ގައި މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހެއްކާ ބެހޭ ބިލަށް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރުމަށް ކޯޓުތަކުން މަޖުބޫރު ކުރެވޭނެ ކަމަށާއި، އެފަދަ ހާލަތްތައް ވަނީ ހިމަނާފައެވެ. އެގޮތުން:

  • މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެހެން ފަރާތަކަށް ލިބޭނެ ގެއްލުން ކުޑަކަމަށް ކޯތުތަކަށް ފެނުން
  • މަސްދަރު ހާމަކުރުމުގެ ސަބަބުން އިތުރު މަސްދަރު ހޯދާ، އެ މަސްދަރުތަކުގެ ސަބަބުން އިތުބާރު ހުރި މައުލޫމާތު ހޯދަން ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަކަމަށް ކޯޓުތަކަށް ފެނުން

އެޑިޓާސް ގިލްޑާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާ އައިއެފްޖޭ އާއި އެމްނެސްޓީން އަދި އެމްޖޭއޭ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މި އިސްލާހުތަކާ އެކު މި ގާނޫނު ތަސްދީގު ކޮށްފިނަމަ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ލިބިދޭ ހައްގުތައް ހަނިވެގެން ދާނެ ކަމަށެވެ. އަދި މަސްދަރުތައް ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރު ކުރުވުމަކީ ރާއްޖޭން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށްވެސް ހުރަސް އެޅިގެން ދާނެ ފަދަ ކަމެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ބިލުގައި ބަޔާންކޮށްފައިވާ ދެ ހާލަތަކީ ހަމައެކަނި ހެއްކަށް ބުރަވެ ވަޒަން ކުރެވޭނެ ހާލަތްތަކެއް ނޫން ކަމަށާއި، ސަބަބަކީ އެ ހާލަތްތަކުން ހާލަތެއް މެދުވެރިވޭތޯ ނުވަތަ ނޫންތޯ ކޯޓުތަކުން ނިންމަން ޖެހޭނީ ބަލަމުންދާ މައްސަލައެއްގައި ހިމެނޭ މަސްދަރަކީ ކާކުކަން ނޭނގި ކަމަށް ވާތީ ކަމަށްވެސް އެ ޖަމިއްޔާތަކުން ބުންޏެވެ.

އެހެންކަމުން، މި ދެ ހާލަތުގެ ސަބަބުން ނޫސްވެރިކަމަށް އޮތް މިނިވަންކަމަށް ހުރަސް އެޅިގެން ދާނެ ކަމަށާއި، ނޫސްވެރިންނަށް ބިރުވެރި މާހައުލެއް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވާތީ، މި ބިލް ފާސްވެއްޖެ ނަމަ، މަސްދަރުތަކުން މައުލޫމާތު ދިނުމަށް ފަސް ޖެހޭނެ ކަމަށާއި، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅިގެން ދާނެ ކަމަށްވެސް ބުންޏެވެ.

މި މައްސަލައަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މި އިސްލާހުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާ ކުރުމަށް ރާއްޖޭން ހޯދި ކުރިއެރުންތައް ގެއްލިގެން ދާނެ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅިގެން ދިއުމާއި، މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރުތައް ބޭނުންވާ މައުލޫމާތު ހާމަކުރުމަށް ހުރަސް އެޅިގެން ދާނެތީ މި އިސްލާހު އަނބުރާ ގެންދިއުމަށް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.

މަޖިލީހުގައި މިހާރު ހުށަހަޅައިގެން އުޅޭ ހެއްކާ ބެހޭ ގާނުނުގެ އިސްލާހު ފާސްވެއްޖެ ނަމަ ކުރިން އެކުލަވާލާފައިވާ ދެގާނޫނު އުވިގެން ދާނެއެވެ.