އދއިން އެންމެ ފަހުން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ޖެނުއަރީ 1، 2019 އިން 31 ޑިސެމްބަރު 2020 ގެ ނިޔަލަށް ލާއިންސާނީ ޖަރީމާއެއް ނުވަތަ ޖަރީމާތަކެއް، ޔަމަނުގައި ތަހައްމަލު ކުރި ކުޑަކުދިންގެ އަދަދު 3500 އަށް ވުރެ މައްޗަށް އަރައެވެ. މި މުއްދަތުގައި ކުޑަކުދިންނާ ދެކޮޅަށް 8526 ޖަރީމާއެއް ހިންގި ކަމަށް ރެކޯޑް ކޮށްފައި ވާއިރު، އެންމެ ލާއިންސާނީ ޖަރީމާތަކެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ، އިންސާނީ އެހީއަށް ހުރަސް އެޅުމާ، މެރުން އަދި އުމުރު ދުވަހަށް ދެމިގެންދާ ޖިސްމާނީ ޒަހަމެއް ދިނުމެވެ.
އިންސާނީ އެހީއަށް ހުރަސް އެޅުމުގެ 4881 ޖަރީމާއެއް ހިންގާފައި ވާއިރު، މި މުއްދަތުގެ ތެރޭގައި މަރާލި ނުވަތަ ދާއިމަށް ދެމިގެންދާ ޖިސްމާނީ ޒަހަމެއްގެ ޝިކާރައަކަށް ވީ ކުދިންގެ އަދަދު 2600 އަށް އަރައެވެ. މި ޖަރީމާތައް، މައިގަނޑު ގޮތެއްގައި ހިންގާފައި ވަނީ ވަކި މީހަކަށް ބެލުމެއް ނެތި ދިން މޮޓަރާއި އާޓިލަރީ ހަމަލާތަކުގައެވެ. ހަމަލާ އަމާޒު ކުރި ސަރަހައްދުތަކުގެ ތެރޭގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކާ، ހަނގުރާމައިގެ މައިދާންތަކުގެ އިތުރުން، މައިންތައްވެސް ހިމެނެއެވެ.
އުމަރަށް ނުފިލާނެ ލަކުނެއް
އދގެ ހޯދުންތައް އާންމު ކުރައްވަމުން ޗިލްޑްރަން އެންޑް އާމް ކޮންފްލިކްޓް ސެކްރެޓަރީ ޖެނެރަލް ގެ ހާއްސަ މަންދޫބު ވާޖިނިއާ ގަމްބާ ވިދާޅުވީ، މި ޖަރީމާތަކުގެ ސަބަބުން އެތައް ތަކުލީފެއް އުފުލަން ޖެހިފައި ވާއިރު، ޔަމަނުގެ ކުޑަކުދިންގެ ޖީލެއްގެ މުޅި އުމުރު ދުވަހަށްވެސް ނުފިލާނެ ލަކުނު ލާފައި ވާ ކަމަށެވެ.
އިތުރު ނުރައްކާތަކުން ކުޑަކުދިން ސަލާމަތް ކުރަން އެދޭނަމަ ހުރިހާ ފަރާތްތަކުންވެސް ސިޔާސީ ހައްލަކާ ދިމާއަށް ދާން ޖެހޭ ކަމަށާ، އަންހެން އަދި ފިރިހެން ކުދިންނަކީވެސް ޔަމަނުގެ މުސްތަގުބަލު ކަމުގައި ގަމްބާ ވިދާޅުވިއެވެ. އަދި ހަނގުރާމައިގެ އެކި ކަންކަމުގައި ކުޑަކުދިން ބައިވެރި ކުރުމާ، ލާއިންސާނީ އަނިޔާ ދެމުން ދާ ދިއުމަށް ހުއްޓުމެއް ގެނެސް، ކުޑަކުދިންނަކީ އަގު ހުރި ނިއުމަތެއްގެ ގޮތުގައި ދެކެން ވެއްޖެ ކަމަށްވެސް ގަމްބާ ވަނީ ގޮވާލައްވާފައެވެ.
111 ކުއްޖަކު ގައިދީންގެ ގޮތުގައި
ހަނގުރާމާގައި ދެ ފަރާތުން ހަނގުރާމަ ކުރަމުންދާ ޖަމާއަތްތަކާ ގުޅުން އޮތް ކަމުގެ ތުހުމުގައި، މިނިވަންކަމަށް ހުރަސްއެޅި ގައިދު ވެފައި ވާ ޔަމަނުގެ ކުޑަކުދިންގެ އަދަދު 111 އަށް އަރައެވެ. މިއީވެސް އިންތިހާ ކަންބޮޑުވުން އެކުލެވޭ މައްސަލައެކެވެ.
އދގެ ހާއްސަ މަންދޫބު ވިދާޅުވީ، ކުޑަކުދިންނާ މެދު އެންމެ ފުރަތަމަ ރިއާޔަތް ކުރަން ޖެހޭނީ އަނިޔާ ލިބޭ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އެކުދިންގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ކަމެއް ކުރަން ޖެހޭނީ އެންމެ ފަހު ކަމެއްގެ ގޮތުގައި ކަމަށާ، މިފަދައިން އަމަލު ކުރި ކަމުގައި ވީ ނަމަވެސް، އަމަލު ކުރަން ޖެހޭނީ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައި ވާ ޖުވެނައިލް ޖަސްޓިސް މިންގަނޑުތަކާ އެއްގޮތް ވާ ގޮތުގެ މަތީން ކަމަށެވެ.
މި މޭރުމުން ގަމްބާ ވަނީ، މުޖުތަމައަށް އަލުން ނެރޭ މިފަދަ ކުދިން، މުޖުތަމައަށް އަހުލުވެރި ކުރުވުމަށް އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމަށް އެދި ގޮވާލައްވާފައެވެ.
ޔަމަނު ހަނގުރާމާގައި ސްކޫލްތަކަށްވެސް ހަމަލާ އަމާޒުވިއެވެ. ބަޔާން ކުރެވިދިޔަ މުއްދަތުގައި، ސްކޫލްތަކަށް ދިން ހަމަލާތަކުގެ އަދަދު 37 އަރައެވެ. އަދި 80 ސްކޫލެއްގައި، އަސްކަރީ ބާރުގެ ބޭނުން ކޮށްފައި ވާ ކަމަށް އދއިން ބުނެއެވެ. ޔަމަނުގެ އަދުގެ ހާލަތަށް ބަލާއިރު 2 މިލިއަނަށް ވުރެ ގިނަ ކުދިން ވަނީ ކުލާސްތަކުން ބޭރުވެ، ތައުލީމުން މަހްރޫމްވެފައެވެ.
މަޝްވަރާއަށް ކުރެވޭ އުއްމީދު
ކަމުގައި ޝާމިލުވާ ފަރާތްތަކާއެކު އދއިން ކުރިއަށް ގެންދާ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާ ލިބޭ ނިސްބަތް ދަށްވެފައި ވާ ކަމަށް އދގެ ރިޕޯޓް އިޝާރާތް ކުރެއެވެ.
ހަމަ މިއާއެކު ހާއްސަ މަންދޫބު ވަނީ، ޔަމަނުގައި ބަދަލުގައި ކުރަމުންދާ ހަމަލާތައް ހުއްޓާލާ، ސިޔާސީ އިމުގެ ތެރެއިން ޔަމަނުގެ މައްސަލައަށް ހައްލު ހޯދުމަށް އދއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ.
ޔަމަނު ހަނގުރާމައިގެ ސަބަބުން ކުޑަކުދިން އުފުލަމުން ދާ ތަކުލީފުތަކަށް ނިމުން ގެންނަން ޖެހޭ ކަމަށް ގަމްބާ ވިދާޅުވިއެވެ. އޮތް ހަމައެކަނި ހައްލަކީ ސުލްހަ ކަމަށާ، ހަނގުރާމައިން ސަލާމަތްވާ ކުޑަކުދިންނަށް މުޅި ދުނިޔޭގެ އެހީ ބޭނުން ވާ ކަމަށްވެސް ގަމްބާ ވަނީ ވިދާޅުވެފައެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމައަށް 7 އަހަރު ވީ އިރު، އަނިޔާ ލިބެމުން ދާ މައުސޫމު ކުޑަކުދިންގެ ހިތްތަކަށް އަދި މިވަގުތު ތަސައްލީއެއް ލިބޭކަށް ނެތެވެ. މިވަގުތު އޮތީ ސުލްހައިގެ މަޝްވަރާތަކަށް ކުރެވޭ އުއްމީދެކެވެ.