އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރި ހުރިހާ މެންބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރި ހުރިހާ މެންބަރުންނަށް ތަހުނިޔާއާ މަރުހަބާ ދަންނަވާ، އަދި މި އިންތިހާބުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުންނާއި ވޯޓުލުމުގައި ބައިވެރިވި ޕާޓީގެ މެންބަރުންނަށް ވެސް ޝުކުރު ދަންނަވާފައެވެ.
ރައީސް އެހެން ވިދާޅުވެފައިވާއިރު ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދު ވެސް ވަނީ އިންތިހާބު ކާމިޔާބުކުރި އެންމެހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ އިންތިހާބުގައި ވާދަކުތި އެންމެންވެސް ދެއްކި ރީތި ޑިމޮކްރެޓިކް ނަމޫނާއަށް ޝާހިދު ވަނީ ސާބަސް ދެއްވާފައެވެ.
ޝާހިދު ވަނީ އެމްޑީޕީ އަކީ އިންތިހާބު ތަކަށް ފަރިތަ، ރާއްޖެއަށް ޑިމޮކްރަސީއާ ތަރައްގީ ގެނެސްދޭ ޕާޓީއެއް ކަން ފާހަގަކުރައްވާފައެވެ.
ގައުމީ މަޖިލީހުގެ ނިމިދިޔަ ދައުރުގައި ސާބިތުކަމާއެކު ހިދުމަތްކުރި އެންމެހާ އެންމެނަށް ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.
އެމްޑީޕީން އެތެރޭގެ އިންތިހާބަށް ތައްޔާރު ވަމުން ދިޔަ އިރު އެމްޑީޕީ ވަނީ ދެބައި ވެފައެވެ. އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ބަލާއިރު، އެއް ބަޔަކީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ކެންޑިޑޭޓުންނެވެ. އަނެއް ބަޔަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރާ ކެންޑިޑޭޓުންނެވެ.
އެމްޑީޕީން މިމަހު 25 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވަނީ ނަޝީދުގެ ފެކްޝަނުގެ މައްޗަށް ކުރި ހޯދާފައެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ 97 ދާއިރާގެ ތެރެއިން ރައީސްގެ ފެކްޝަނުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ. އަދި މިހާރު ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް އެމްޑީޕީ ގައުމީ މަޖިލީހުގެ 114 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އެހެން ވެއްޖެ ނަމަ ރައިސް ނަޝީދުގެ ފެކްޝަނަށް ކާމިޔާބު ކުރެވޭނީ 53 ގޮނޑިއެވެ.