މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އެންޖީއޯގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން ގާއިމްކުރި މި ޕާޓްނާޝިޕްގެ މަގްސަދަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސެން ނިޔާޒް ވިދާޅުވީ، މިޝަން ފޮ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންގެ ހައްގުތަކަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި މިޝަން ފޮ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއެކު ފައިދާ ހުރި މުހިންމު ޕްރޮޖެކްޓްތަކާ އެކު ބިދޭސީންގެ ދިރިއުޅުން އިތުރަށް ފާގަތި ކުރުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"އުރީދޫ މޯލްޑިވްސް ޑިޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި ގުޅުވަޑައިގަތުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދެފަރާތުގެވެސް ތަސައްވަރާއި، ގަބޫލުކުރާ އުސޫލުތަކާ އެއްގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދާދިނުމަށް މި ކުރާ މަސައްކަތް މި ޕަރޓްނަރޝިޕާއެކު އިތުރަށް ފުޅާވެ ގިނަ ފަރާތްތަކަކަށް އެހީ ފޯރުކޮށްދެވިގެން ދާނެކަމީ ޔަގީންކަމެއް."
މިޝަން ފޮ މައިގްރަންޓް ވޯކާސްގެ ކޯ ފައުންޑާ އަދި ޕްރެޒިޑެންޓް، ޑރ. މިނާހް ފާއިޒް ރަޝާދް.

މިޝަން ފޮ މައިގްރަންޓް ވޯކާސްގެ ކޯ ފައުންޑާ އަދި ޕްރެޒިޑެންޓް، ޑރ. މިނާހް ފާއިޒް ރަޝާދް ވިދާޅުވީ، ދެފަރާތުގެ ވެސް ތަސައްވަރާއި، ގަބޫލުކުރާ އުސޫލުތަކާ އެއްގޮތުގެ މަތިން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އިތުރު ފާގަތި ކަމެއް ހޯދާ ދިނުން ކަމަށެވެ.

މީގެ ކުރިންވެސް އުރީދޫ މޯލްޑިވްސްއިން ވަނީ މިޝަން ފޮ މައިގްރަންޓް ވޯކާރސް މޯލްޑިވްސް އާއިއެކު ބިދޭސީންނަށް މީލް ޕެކް ފޯރުކޮށް ދީފައެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު 100 މީލް ޕެކް ފޯރުކޮށްދީފައި ވެއެވެ.

މިޝަން ފޮ މައިގްރަންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް ހައްލު ހޯދާ ދިނުމަށް މަސައްކަތް ކުރުމުގެ ގޮތުން ރަޖިސްޓާ ކޮށްފައިވާ ފުރަތަމަ އެންޖީއޯ އެވެ.