ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ބީއެމްއެލުން ތައާރަފުކޮށްފިއެވެ.

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ އެކައުންޓަކަށް އޮންލައިންކޮށް ފައިސާ ފޮނުވަން މީގެ ކުރިން ބޭނުންކުރަން ޖެހެނީ މޮބައިލް ޕޭ އެޕްލިކޭޝަނެވެ.

މޯބައިލް ބޭންކިން މެދުވެރިކޮށް މި ހިދުމަތް ދޭން ފެށުމުން ދުވާލަކަށް އެކައުންޓުން 3،000 ޑޮލަރު ފޮނުވޭނެއެވެ. ޑޮލަރު އެކައުންޓް މެދުވެރިކޮށް ދޭ މި ހިދުމަތުގެ ސަބަބުން، ކުޑަ ހަރަދެއްގައި ބޭރުގެ ބޭންކްތަކާ އެކު ފައިސާގެ މުއާމަލާތު ކުރެވޭނެއެވެ.

މިގޮތުން، 50 ޑޮލަރާއި 500 ޑޮލަރު ފޮނުވާ ނަމަ ފަސް ޑޮލަރުގެ ފީ އެއް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތުން ނަގާނެއެވެ. އަދި 500 ޑޮލަރާއި 1،000 ޑޮލަރުގެ އަދަދެއް ފޮނުވާ ނަމަ އަށް ޑޮލަރު، 1،000 ޑޮލަރާއި 3،000 ޑޮލަރާ ދެމެދުގެ އަދަދެއް ފޮނުވާ ނަމަ 12 ޑޮލަރުގެ ފީ އެއް ދައްކަން ޖެހޭނެއެވެ.

ބީއެމްއެލް މޯބައިލް ބޭންކިންގެ އެޕްލިކޭޝަން ވެސް ދާދި ފަހުން ވަނީ އަޕްގްރޭޑް ކޮށްފައެވެ. އެގޮތުން ކުރިއަށް ވުރެ ފަސޭއިން މިހާރު ފައިސާގެ މުއާމަލާތުތައް އެޕް މެދުވެރިކޮށް ކުރެވޭނެއެވެ.