އީޖާދީ ހިޔާލުތައް އެއްތަން ކުރުމަށް ޔޫއެންޑީޕީއާ ގުޅިގެން އުރީދޫ މޯލްޑިވްސް ހިންގާ މިޔަހެލި 2021 ގައި ރާއްޖޭގެ 4 އަތޮޅަކަށް ބައިވެރިވުުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިޔަހެލި އަކީ 2016 ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްލެޓް ފޯމެކެވެ.

މި އަހަރު، މިޔަހެލި އިންތިޒާމް ކުރަނީ ބަދަލުތައް ގެންނާނެ މީހުންނާއި، ތަޖުރިބާކާރުންނާއި، އަދި ތަރައްގީގެ ރޮނގުތަކުން ބަދަލުތައް ގެންނާނެ ފަދަ އީޖާދީ ހިޔާލުތައް އެއްތަން ކުރުމުގެ ނިޔަތުގައެވެ. އެގޮތުން މި ކޭޕް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އިރު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އއ، އދ، ވ އަދި ކ އަތޮޅުގައި ދިރިއުޅޭ އުމރުން 18 އަހަރާއި 30 އަހަރުގެ މީހުންނަށެވެ. އަދި މި ކޭޕްގައި އެ ސަރަހައްދުގައި އުޅޭ ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

ބައިވެރިވާ ބޭނުންވާ ފަރާތްތަކުން ފޯމެއް ފުރިހަމަ ކުރުމަށް ފަހު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަން ޖެހެއެވެ. ފޯމް ހުށަހަޅަން ބޭނުން ނަމަ މި ލިންކަށް ޒިޔާރަތްކުރުމަށް ފަހު ދީފައިވާ އިރުޝާދާ އެއްގޮތަށް ކުރިއަަށް ގެންދިއުމަށް އުރީދޫން ބުނެއެވެ.

އަދި މި ކޭމްޕުގައި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންން ބައިވެރިވުމަށް ބާރު އަލާ ކަމަށް މި ކޭމްޕް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

މި ކޭމްޕަށް ހޮވޭ ބައިވެރިން، ކަނޑައެޅިފައިވާ ތީމްގެ ދާއިރާއާ ގުޅޭ ކަން ކަމަށް ހައްލެއް ހޯދަން މަސައްކަތްކޮށް އެ ޕިޗް ހުށައެޅޭނެއެވެ. އަދި މޮޅުވާ 5 ޓީމަކަށް އެ ހައްލަކަށް އަމަލީ ސިފަ ގެންނަން ފައިސާ ލިބޭނެއެވެ.

މިޔަހެލި އަކީ ހމުހިންމު އިޖްތިމާއީ ކަންކަމަށް ބޭނުންވާނެފަދަ ޓެކްނޮލޮޖީ ހިމެނޭ އަދި ނުހިމެނޭ އިޖްތިމާއީ އީޖާދުތައް އުފެއްދުމަށް އީޖާދުކުރާ މީހުންނާއި، މެންޓަރުން އަދި ހިޔާލުތައް އެއްތަނަކުން ގުޅުވާލަ ދޭ ގޮތަށް, ހަފްތާ ބަންދެއްގެ ތެރޭ ހިންގާ މަންސައެކެވެ. ޔޫއެންޑީޕީއިން މިމަންސަ ހިންގަމުން މިދަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ